"އައްދޯއި... މަގޭ ފައި! އާހް..." އެކަކު އަނެކެއްގެ ލޮލުތެރެއަށް ގެއްލިފައިތިބި ޝައިލީންއާއި ކައިފްއަށް ހަމަ ހޭވެރިކަންވީ، ރޮވިފައި ހުރި އަޑަކުން ހަނާން ހަޅޭލަވައިގަތް އަޑަށެވެ. އޭރު ޝައިލީން އަރައިގެންހުރި ހައިހީލްއިން އެރި ހަނާންގެ ފައިގެ ކުޑައިނގިލިން ކޮންމެވެސް ވަރަކަށް ލޭ އަންނަމުން ދިޔައެވެ.
"އޫޕްސް... ސޮރީ...."
ކުއްލިއަކަށް އަނގަމަތީ އަތްއަޅައި ދެ ލޯބޮޑުކޮށްލަމުން ޝައިލީންއަށް ބުނެލެވުނެވެ. އެއާއެކު ހަނާނުގެ ދެލޯ ހަނިކޮށްލަމުން ޝައިލީންއަށް ލޯއަޅާލަމުން ނިކަން އަވަހަށް ކައިފްގެ އަތުގެ މުލައްދަނޑީގައި އޭނާގެ ދެއަތް އަޅުވާލިއެވެ. އޭރުވެސް ކައިފްއަށް ބެލެމުންދިޔައީ ޝައިލީންއާ ދިމާއަށެވެ. ހަނާންއަށް އެކަން ފާހަގަކުރެވިގެން ކައިފް އަތުގައި ދަމަންފެށުމުން، ކައިފްވެސް ހަނާންއާއެކުގޮސް ބޯޓުންފައިބައިފިއެވެ.
"ގެއްލިދާނެތީ ބިރުންތަ އެއުޅެނީ...؟!"
އަނގަޔަށް ވައްތަރެއް ޖައްސާލަމުފަހު ކޮނޑުއަރުވާލަމުން ޒަހުރާ ބުނެލިއެވެ.
“ބިރު ގަންނާނެއެއްނު އެހާ ރީތި ވިއްޔަ. މަ ނަމަވެސް ބިރުގަންނާނެ."
ޒަހުރާއަށް ފުރަގަސްދިނުމަށްފަހު، ޝައިލީންއާ ދިމާއަށް އެއްލޯ މަރާލަމުން އިފާޝާ ބުނެލިއެވެ.
"ކާކު ގެއްލިދާނެތީ ބިރުން ތިއުޅޭނީ...؟ !"
ޝައިލީންމެންގެ ފަހަތުން އައިސް، ޒަހުރާ ބުނި ބަހާ ގުޅުވައިގެން ޖަނާހު ބުނެލިއެވެ. ހަމައެކަނި ހިނިތުންވެލުން ފިޔަވައި، އެއްވެސް މީހަކު ޖަނާހު ބުނިއެއްޗަށް އެއްޗެއް ނުބުނުމުން، ޖަނާހުއަށް ބަލާލަމުން ކަމެއް ނުވެއޭ ބުނާކަހަލަގޮތަކަށް ޝައިލީން ދެފަރާތަށް ބޯހޫރުވާލިއެވެ.
“ނުފައިބަންތަ ތިތިބެނީ؟"
ޝައިލީންގެ ކޮނޑުގައި އެއްއަތް އަޅުވާލަމުން ގާތްގޮތަކަށް ޖަނާހު އެހެންބުނެލުމާއެކު ޝައިލީން ލުއި ހިނިތުންވުމަކާއެކު ޖަނާހުއަށް ބަލައިލިއެވެ. އަދި ލަސް ހިނގުމެއްގައި ޖަނާހުއާއި އޭނާގެ ރައްޓެހި ކުދިންކޮޅާއެކު ގޮސް ބޯޓުން ފައިބައިފިއެވެ.
ޢީދު ދުވަހަށް މުޅި އެރަށްވަނީ ނިކަން ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. މޫސުންވެސް ހީވަނީ ޢީދުގެ މި އުފަލުގައި ބައިވެރި ވަމުންދާހެނެވެ. އެހާވެސް ޢީދާ ގުޅޭ ހިތްގައިމު މޫސުމެކެވެ. މިރަށަށް އާދެވުމުން އެ ކޮންމެ ޒުވާނަކަށްވެސް ކުރެވެމުން ދިޔައީ މުޅިން ތަފާތު އިހުސާސްތަކެކެވެ. ރަށްފުށުގެ ދިރިއުޅުން ތަޖުރިބާ ކުރެވިފައިނުވާ ކޮންމެ މީހަކަށް މިމާހައުލުވީ އަޖައިބަކަށެވެ. މިރަށުގައި ކޮންމެ މީހަކީވެސް އަނެކެއްގެ އެކުވެރިއެކެވެ. ދަންނަ މީހެކެވެ. ތިމާގެ މީހެކެވެ.
ފިނި ބުއިންތަކާ މަލުގެ ހާރުތަކުން އަދާކުރި މެހެމާންދާރީގެ ފުރިހަމަކަމުން ދަތުރުގެ ކޮންމެ ބައިވެރިއެއްގެ ހިތްވެސް އުފަލުން ފުރިފައިވާކަހަލައެވެ. ނިކަން އަވަހަށް ކެއިން ބުއިމުގެ ކަންކަން ނިންމާލުމަށްފަހު ދަތުރުގެ ބައިވެރިން ހަމީހުންގެ ގުރޫޕްތަކަށް ބަހާލުމަށްފަހު އެމީހުންނާ ހަވާލުވި އެރަށު އާއިލަތަކާއެކު ގެއާދިމާއަށް މިސްރާބު ބެހެއްޓީ ޢީދުނަމާދުގައި ބައިވެރިވުމުގެ ޝަރަފު ލިބިގަތުމަށްޓަކައެވެ. ޝައިލީން އެންމެ އުފާވީ ޒަހުރާ އާއި އިފާޝާ އާއެކު އޭނާއަށް ހުރެވޭ ގޮތް ވީމައެވެ.
މިލަހަނދުވަރުގެ ފަނޑުއަލިކަމުގެ ތެރެއިން އުޑުމަތީ ބަބުޅަމުންދިޔަ ތަރިތަކަށް ބަލަހައްޓައިގެން މަގުމެދުގައި ޝައިލީން ހުރީ އެކަނިވެފައެވެ. ރަށުގެ މަގުތައް ވަނީ ހިމޭންކަން އިޚްތިޔާރުކޮށްފައެވެ.
އެމަގުތަކުގެ އުފާ މިނިވަންކަމާއެކު ލިބިގަތުމަށް ބޭނުންވާ ހަމަ ކޮށްމެ މީހަކަށްމެ އެފުރުސަތު ފަހިކޮށްދެމުންނެވެ. އޭނާގެ ރައްޓެހިންގެ އެދުމާ އެއްގޮތަށް މިރަށުގައި ބާއްވައިގެން އުޅޭ ސްޓޭޖް ޝޯވބަލަން އޭނާ ދާން ބޭނުން ނުވީއެވެ. މިއުޒިކާއި ލަވައިން އޭނާގެ ސިކުނޑިއަށް ލިއްބައިދޭނެ އެއްވެސް ފިނިކަމެއް ނެތީމައެވެ. މިފަދައިން އެކަނިވެރިވާ ކޮންމެ ފަހަރަކީ އޭނާގެ ދިރިއުޅުމުގެ ޙަޤީޤަތްތަކާމެދު އޭނާއަށް ފުންކޮށްވިސްނާލެވޭ ފަހަރެކެވެ.
"އޯހް އަރީން! އަހަންނަށް މިހެން ހެދީ ކީއްވެ..؟؟"
އެކަނިވެރިކަމާއެކު، ސިކުނޑީ ގައި ދެމެންފެށި ހަނދާނުގެ އޮއިވަރުތަކުން ލިބުނު މާޔޫސް ކަމުގައި ނުވެސް އެނގިހުއްޓައި ޝައިލީންގެ ލޮލުން ނިރާލި ކަރުނަތައް ނިކަން އަވަހަށް ފޮހެލައިފިއެވެ. އޭނާގެ އަމިއްލަ ނަފުސާ އެސުވާލު އެ ކުރެވުނީ ކިތައް ފަހަރުކަން ހުދު އޭނައަށްވެސް ނޭނގެއެވެ. އެހެން މީހަކަށްޓަކައި އޭނާގެ ހިތުގައި ލޯބި ޖެހެމުންދާކަން ހިތަށް އަންގަދޭން ބޭނުންވިޔަސް، އަދި އެކަން އޭނާ ޤަބޫލުކޮށްފައިވާ ކަމަށް ހެދިގެން އުޅުނަސް، ޙަޤީޤަތްވަނީ އޭނާގެ ހިތުގައި ރައްކާކުރެވިފައެވެ. އެހެން މީހުންގެ ލޮލަށް އޭނާ ދައްކަދޭން ބޭނުންވަނީ ޙަޤީޤަތްތަކުން އެއްކިބާކުރެވިފައިވާ ދޮގުވެރި ދުނިޔެއެކެވެ.
**** **** **
އެއީ މީގެ ދިހަ އަހަރު ކުރިއެވެ. ރޭގަނޑު ގަނޑިން 11 ޖެހުމާ ކައިރިވަނީއެވެ. އެއްވެސް އިންޒާރަކާ ނުލާ ކުއްލިއަކަށް ވެހެންފެށި ބޯ ވާރެއިން ސަލާމަތްވުމަށް ޝައިލީން ކައިރި ގެއެއްގެ އަސްކަނި ދަށަށްވަދެއްޖެއެވެ. އެކުޑަހިނދުކޮޅުގެ ތެރޭގައިވެސް ހިސާބަކަށް ތެމިފޯވެފައިވާ އޭނަގެ ހެދުމުން ފެން ފޮޅަމުން ދަނިކޮށް ޖެހި ބާރު ގުގުރީގެ އަޑަށް ޝައިލީން ދިޔައީ ސިއްސައިގެންނެވެ. މިއިން ހިސާބަކުންވެސް މީހެއްގެ ހިލަމެއް ނުވާ އެދަނޑިވަޅުގައި ޝައިލީން ހުރީ އެހީތެރިއަކަށް ބޭނުންވެފައެވެ.
"މަންމާ...!"
ދެކަންފަތުގައި ބާރަށް އަތް އަޅައިގެން ހުރި ޝައިލީންގެ ނާޒުކު ހިތް މޭގެ ތެރޭ ނޯވެވިގެން ތެޅިފޮޅެމުން ދިޔަައެވެ.
"ބިރު ނުގަނޭ!. އަހަރެންވެސް މިހުރީނު."
ބިރުން ގޮސް ރޮވޭވަރުވެފައި ހުރި ޝައިލީންގެ ފުރަގަހުން އިވުނީ ފިރިހެން އަޑެކެވެ. ފަސްއެނބުރި ބަލާލެވުނު އިރު އޭނަ އާ ދާދި ގާތުގައި ހުރީ ޒުވާން ފިރިހެން ކުއްޖެކެވެ. ވާރެއާ ތެމުމުގެ ސަބަބުން އޭނާ ލައިގެންހުރި ރަތްކުލައިގެ ގަމީސް ވަނީ ތެމިފައެވެ. ރީތި ވަރަކަށް ދިގުކުރެވިފައިވާ އޭނާގެ އިސްތަށިގަނޑުގެ ތެރެއިން ދެމިގެން ތިރިއަށް ފައިބަމުން ދިޔަ ފެންތައް އަތުން ފޮޅާލަމުން އޭނާ ގާތް ގޮތަކަށް ހިނިތުންވެލިއެވެ. ޝައިލީންހުރީ އެހާ ކުއްލިއަކަށް ނުވެސް އެނގިހުއްޓައި އެތަނަށް މީހަކު އައީ ކޮން ދިމާލަކުން ކޮން އިރަކު ކަމާމެދު ވިސްނާށެވެ. އޭނާ ހުރީ ބިރު ގަނެފައެވެ. ފިޔަވަޅު އަޅަންވީ ފަހަތަށްކަމެއް ނުވަތަ ކުރިއަށް ކަމެއް ނޭނގިފައެވެ. އެ ބޯ ވާރޭގެ ތެރެއަށް ނުކުމެ ދުއްވައިގަންނަންވެސް އޭނާ ހިތަށް އެރިއެވެ.
"ބިރުގަތީތަ؟ އަހަންނަކީ ޖިންނިއެއްނޫނޭ." ސަމާސާގެ ރާގެއްގައި ޝައިލީންގެ ކަންފަތާ ކުޑަކޮށް ގާތްވެލަމުން ޒުވާނާ ބުނެލިއެވެ.
ޖިންނިއަކު އަމިއްލައަށް އޭނާއަކީ ޖިންނި އެކޭ ބުނެފާނެ ހެއްޔެވެ؟ ޝައިލީން ކިޔާ ބިރުވެރި ވާހަކަތަކުގައިވެސް އިންސާނުންނާ ޖިންނީންގެ ގުޅުން އުފެދިގެން އަންނަނީ އޮޅުވާލުމެއްގެ ތެރެއިންނެވެ.
"މަގޭ ނަމަކީ އަރީން. ކޮންނަމެއް ކިޔަނީ؟"
އަރީން އަމިއްލައަށް ތަޢާރަފްވެލަމުން ޝައިލީންއަށް ނިކަން ފަރުވާތެރި ކަމާއެކު ބަލައިލިއެވެ. މި ރީތި އަންހެން ކުއްޖާއަކީ ކުޅަދުންވަންތަ އިލާހުގެ ކުޅަދުންވަންތަ ކަން ހާމަކޮށްދޭ ދަލީލެއް ފަދަ ކުއްޖެކޭ އަރީންގެ ހިތަށް އެރިއެވެ. އޭނާއަށް ލިބިދީފައި އެވަނީ ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ؟
އެފަރާތަކަށް މޫނު އަނބުރުވާލަން މަޖުބޫރު ކުރުވާފަދަ ހިތްގައިމު މައުޞޫމް މޫނެކެވެ. ބިރުގަނެ، ނިކަމެތި ވެފައި އެހެން ހުންނަ އިރު އެރީތި އަންހެން ކުއްޖާގެ ރީތިކަން ހާސްގުނަ އިތުރުކޮށްދީފައިވެއެވެ.
"ހަމަ ނުބުނާނަންތަ ނަމެއް؟ ބުނެފީމެއްނު މަށަކީ ޖިންނިއެއް ނޫނޭ. ބޭނުމިއްޔާ ދަތްއަޅަން މަގޭ އަތްވެސް ދީފާނަން."
ލާނެތް ފާޑަކަށް ހެވިފައި ހުރެ ޝައިލީންއާ ދިމާއަށް ދެއަތް ދިއްކޮށްލަމުން އަރީން ބުނެލިއެވެ.
ޝައިލީން ހުރީ ފޫހިވެފައެވެ. ވާރެ ނުހުއްޓައިގެން ރުޅި ގަދަ ވާގޮތްވެސް ވެފައެވެ.
"ރޯޑް ސައިޑް ރޯމިއޯ" އަރީންގެ މިޒާޖު ހުރިގޮތުން ޝައިލީނުގެ ހިތަށް އަރީން ސިފަވީ އެގޮތަށެވެ.
އަރީން އަކީ ޖިންނި އެއް ނޫނިއްޔާ، އެއީ މަގުތަކުގަ އަންހެންކުދިންނާ މައްލަވަ ކުރަން މިއުޅޭ "ރޯމިއޯ" އެކެއެވެ. ވެހެންފެށި ވާރޭ ނުހުއްޓައިގެން ކުދިކިޔަންހުއްޓައި، ޖެހިބާރު ގުގުރިއާއެކު ފައިބައިގެން ދިޔަ އަލިފާންރޮނގު ފެނިފައި ޝައިލީންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.
"މަންމާ..!. ޕްލީޒް.!.. ޕްލީޒް..!..އަހަރެން ގެއަށް ދާން ބޭނުން"
ދެލޯ މަރައި ބާރުކޮށްލުމަށްފަހު ދެކަންފަތުގައި އަތް އަޅަމުން ބޭއިޚްތިޔާރުގައި އަރީންއާ ގާތަށް ޖެހިލަމުން ޝައިލީންއަށް ބުނެލެވުނެވެ. ޝައިލީންގެ ހަށިގަނޑުގައި އަޅަމުންދިޔަ ތުރުތުރާއެކު އޭނާ ގެންފައިވާ ބިރު، އަރީންއަށް ވަޒަން ކޮށްލެވުމުން، ޝައިލީންއާމެދު އަރީންގެ ހިތުގައި ހަމްދަރުދީ އުފެދިއްޖެއެވެ. އަންހެންކުދިންގެ ކިބާގައިވާ ނާޒުކު ކަމަކީ އެކުދިންގެ އަންހެންވަންތަކަން ހާމަކޮށްދޭ ސިފައެއްކަމުގައި އަރީން ދެކެއެވެ.
"އަރާ!"
ޝައިލީން ހުރީ ދެ ފިކުރެއްގައެވެ. މި ގޮތްނޭނގޭ ފިރިހެންކުއްޖާގެ ފަހަތަށް އަރައިފިނަމަ، ކޮންމެ ފަދަ ކަމެއްވެސް އޭނާ ކޮށްފާނެއެވެ. ކުރެވޭ ކުޑަކުޑަ އިތުބާރެއްގެ ސަބަބުން އަންހެންކުއްޖެއްގެ ފައިދާ ނާޖައިޒް ގޮތުގައި ނެގުމަކީ މިމީހުންނަށް މާކަ ބޮޑުކަމެއްނޫނެވެ. ރަނގަޅުވާނީ އެކަނި ގެއަށް ދިޔައިއްޔާއެވެ. އެހެން ހިތަށް އެރުމާއެކު ކޮނޑުގައި އަޅުވާފައިވާ ދަބަސް ހެޔޮވަރުކޮށްލަމުން، އަރީންގެ އެދުމަށް އިންކާރުކުރުމުގެ ގޮތުން އަނގަހުޅުވާލުމާއެކު ޖެހި ގުގުރީގެ އަޑަށް، ކަންފަތް ހޭނުނު އިރު، އޭނާއަށް އިނދެވުނީ އަރީންގެ ސައިކަލު ފަހަތުގައެވެ.
"ހާދަ ބިރެކޭ ދޯ ތިގަންނަނީ" ހެމުންހެމުން އަރީން ބުނެލިއެވެ.
***** **** ***
ބޭއިޚްތިޔާރުގައި ޝައިލީންއަށް ހޭންފެށުނެވެ. މަގުމަތީގެ ހަމަހިމޭންކަމުގެ ތެރެއިން ޝައިލީންގެ ހުނުމުގެ އަޑު ގުގުމަމުން ދިޔައެވެ. ކިތައްމެ ބާރަށް އޭނާ ހެމުން ދިޔަނަމަވެސް ވަށައިގެންވާ ފަނޑުއަލި ކަމުގެ ތެރެއިންވެސް ޝައިލީންގެ މޫނުމަތިން ފާޅުވަމުންދިޔައީ ނުތަނަވަސްކަމެވެ.
އެތަނުގައި ނުހުރެ އޭނާގެ ފުރަގަހުން ފަހަތުގައި ހުރި ގެއަށް ވަންނަށް އެބުރިލިއެވެ. އެވަގުތު އޭނާގެ ފަހަތުގައި މޫނު ޖެހާހާ ގާތުގައި ހުއްޓިލައިގެން ހުރީ ކައިފްއެވެ.
"އެކަނި ހުރެގެން ކީއްވެ ތި ހެނީ؟؟! " ހައިރާންވެފައި ކައިފް އެހިއެވެ.
"މޮޔަވެގެން! " އެ ބަސް އޮތީ ޝައިލީންގެ ހިތުތެރޭގައެވެ. އިތުރު އެއްޗެއް ބުނުމަކާނުލައި ދެންވެސް ޝައިލީން ހިނގައިގަތީ ކުރިއަށެވެ.
"އަހަރެން ތީނަ ކޮންމެ ވެސް ތަނަކުން ދުށިން ކަންނޭނގެ! ހަނދާން ނުވެގެން މިއުޅޭނީ !"
ޝައިލީން ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅަށް ހުއްޓުން އެރީ ނިތްކުރީގައި ޝަހާދަތް އިނގިލިން ފިރުމަމުން ވަރަށް ވިސްނަމުން ކައިފް އެހެން ބުނެލުމުންނެވެ. އެއާއެކު ޝައިލީންގެ ތުންފަތާ ކުޅެލީ ވިހަ ހިނިތުންވުމެކެވެ.
"ހަނދާނުގެ އެންމެ ފުންމިނަށް ފީނައިފިނަ ހުރިހާ ކަމެއްވެސް އެނގިދާނެ." ކައިފްއަށް ކުރިމަތިލަމުން މައުނަވީ ނަޒަރަކުން ބަލާލަމުން ޝައިލީން ބުނެލިއެވެ.
"ކީކޭ ތިބުނީ؟ ނުވިސްނުނު!" ލައިގެންހުރި ޖިންސްގެ ޖީބަށް އަތް ޖަހާލަމުން ޝައުޤުވެރިކަމާއެކު ކައިފް އެހިއެވެ.
"ނުވިސްނެންޏާ ނުވިސްނާ.. ވިސްނުމަކީ ބޭކާރު ކަމެއް." އެހެން ބުނެލަމުން އަނެއްކާވެސް ގެއަށްވަންނަން ޝައިލީން އެނބުރިލިއެވެ.
"އިހަށް މަޑުކޮށްބަލަ... އަދި ނަންވެސް ނުބުނަމެއްނު... މަށަށް ކިޔަނީ ކައިފް"
"ޝައިލީން.."
ތަޢާރަފްވެލަމުން، ސަލާމް ކުރަން ކައިފް ދިއްކޮށްލި އަތުގައި ހިފަމުން ޝައިލީންވެސް ބުނެލިއެވެ.
ކައިފް އާ އިތުރަށް ވާހަކަ ދައްކާލައި ފަރިތަވެލަން ބޭނުންވެފައިވިލެއް ބޮޑުކަމުން ޝައިލީން ގޮސް ކައިރީ ހުރި ގޭގެ ވަށައިގެން ލެވިފައިވާ ތިރި ފާރު ބުރި މަތީ އިށީނދެލައިފިއެވެ. ފަހަތުން ކައިފްވެސް ގޮސް ޝައިއިލީން އާ ދެތިން ފޫޓް ދުރުގައި އިށީންދެލިއެވެ. ކައިފް ހުންނަނީ ޝައިލީން ހުންނަ ގެއާ ޖެހިގެން ހުންނަ ގޭގައެވެ. ކައިފްގެ ވާހަކައިން އެނގުނުގޮތުގައި އޭނާއަކީވެސް މިއުޒިކް ޝޯވ ތައް ކަހަލަ މީހުން ގިނައިން އެއްވާތަންތަނަށް ނުކުންނަށް ފޫހިވާމީހެކެވެ. އެ މަދު ވަގުތުކޮޅު ތެރޭގައި ކައިފްގެ ދިރިއުޅުމާ ގުޅޭގޮތުން ޝައިލީންއަށް ނޭނގިހުރި މުހިއްމު ބައެއް ކަންތައްތައް ޝައިލީން އޮޅުން ފިލުވިއެވެ.
"މިއަދު އައި އިރު ކައިރީގަ ހުރީ ވައިފްތަ؟"
ޝައިލީންގެ އެސުވާލާއެކު ކައިފްގެ މޫނުމައްޗަށް ވެރިވެގެންދިޔަ ތަފާތު ކުލަތައް ޝައިލީން ނިކަން ފަސޭހަ ކަމާއެކު ދެނެގަތެވެ. (ނުނިމޭ)