ދިހަ އަހަރުގެ ސްކޫލު ދައުރު ނިންމާލާއިރު ދަރިވަރުންގެ ކާމިޔާބީ މިންކުރަން ރާއްޖޭގައި މިވަގުތު ގެންގުޅޭ ހަމައެކަނި މިންގަނޑަކީ ކަރުދާހުގައި ލިޔާ އަދި ގިނަވެގެން ދެ ގަޑިއިރުގެ އިމްތިހާނަކުން ލިބޭ ނަތީޖާ އެވެ. ޒަމާނުއްސުރެ ހަމައެކަނި މިނަތީޖާއަށް ބަލައި، މޮޅު އަދި ދެރަ ކުދިން ފުރާނާލެވެ އެވެ. މިގޮތުން ފުރާނާލެވޭ "ދަށް" ކުދިންނަށް މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ހަނިވެ އަދި އިލްމީގޮތުން ކުރިއަށް ދެވޭނެ ދޮރުތައް ބަންދުވެ އެވެ.
އެކިކުދިން އުނގެނެނީ އެކި ގޮތަށެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ތިން ގޮތަކަށް ދަރިވަރުން އުނގެނެ އެވެ. އެއީ ފެނިގެން (ވިސުއަލް)، އަޑުއަހައިގެން (އޮޑިޓޮރީ) އަދި ހެލިފެލިވެ އަތުން ކަންކަން ކޮށްގެން (ކިނެސްތެޓިކް) އުނގެނުމުގެ ވައްޓަފާޅި އެވެ.
ބައެއް ކުދިން މިތިން ގޮތްވެސް އުނގެނުމުގައި ބޭނުންކުރާއިރު ގިނަ ކުދިންނަކީ މީގެން ކޮންމެވެސް އެއްގޮތަކަށް ބުރަވާ ކުދިންނެވެ. އެހެންކަމުން ކުދިންގެ ޅައުމުރުގައި އުނގެނުމުގެ ވައްޓަފާޅި ދެނެގަނެވި، އުނގަންނައިދިނުން އެގޮތުގައި ބައްޓަން ކުރެވި އަދި އެގޮތުގައި އުނގެނުން މިންކުރެވިއްޖެނަމަ 10 އަހަރު ނިމޭއިރު "ދަށް" ކުއްޖެއް ހުރެދާނެބާ އެވެ؟ ނަމަވެސް ހިތާމައަކީ ތައުލީމީ ދާއިރާއަށް މިބަދަލުތައް އަދިވެސް އައިސްފައި ނުވާތީ އެވެ. އެހެންނޫންނަމަ ހުރިހާ ކުދިންނަށްވެސް މުސްތަގުބަލްގައި ގިނަ ފުރުސަތުތަކެއް އޮންނާނީ ހުޅުވިފަ އެވެ.
ތައުލީމީ ދާއިރާގައި މިފަދަ ފޫނުބެދުންތައް ހުރިކަން އެނގިލައްވާ އެތައް ބަޔަކު ތިބިއިރުގައިވެސް އެދެވޭ ބަދަލެއް ނުގެނެވެނީ ކީއްވެބާ އެވެ؟ އެކަމަށް އެކަށީގެންވާ ދިރާސާތައް ކުރެވި ވަގުތު ނުދެވެނީ ކީއްވެ ހެއްޔެވެ؟ ފަހަރުގައި ކުރު މުއްދަތެއްގައި ބަދަލުވާ ސިޔާސީ އޮއިވަރުގައި ޖެހިގެން މުޅި ދާއިރާއަށް ގެންނަ ކުއްލި ބަދަލުތަކާއި ހެދި ކަމަށް ވެދާނެ އެވެ. މިއިން ކޮންމެ ބަދަލަކީ ކުދިންނަށް އެއިން އެތައް ނޭދެވޭ އަސަރެއް ކުރާނެ ކަމެއްކަން ކުޑަކޮށްވެސް ބެލުމެއް ނެތި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ދުވަހު، އެމަނިކުފާނުގެ ސަރުކާރުން ސިޔާސަތުތައް ކަނޑަޅާނީ އިލްމީ ދިރާސާތަކުގެ މައްޗަށް ކަމަށް ވިދާޅުވި އެވެ. ނަމަވެސް އޭގެ އަހަރެއް ފަހުން، ސްކޫލުގައި ދަށް ނަތީޖާ ލިބޭ ކުދިން ފުލުހުންނާ ސިފައިންގެ ތެރެއަށް ވައްދަވާނެ ވާހާކަ ވިދާޅުވީމާ، އެކަމާމެދު ދުނިޔޭގައި ކުރެވިފައި ހުރި އިލްމީ ދިރާސާތަކަށް ބައްލަވައި ނުލައްވާކަން ސާފުވެ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލު ނިމޭ އުމުރުފުރައިގެ ކުދިންނަށް ފުލުހުންނާއި ސިފައިންގެ ތެރޭގައި ދެވޭ ތަމްރީނުގެ ސަބަބުން ނަފްސާނީ އަދި ބުއްދި ތަރައްގީވުމުގައި ނޭދެވޭ މައްސަލަތައް ދިމާވެ އެވެ.
ފްރަންޓިއާސް އޮފް ސައިކިއަޓްރީގައި ހުރި ދިރާސާތަކެއްގައި ބުނާގޮތުން ސްކޫލު ނިމޭ އުމުރުފުރައިގެ ކުދިންނަށް މިލިޓަރީ ޓްރެއިނިން ފަދަ ތަމްރީނުތަކުގެ ސަބަބުން ނަފްސާނީ ގޮތުން ނޭދެވޭ އަސަރުކޮށް އަދި މުސަތަގުބަލުގައި އެކަމުގެ ވޭނުގައި އެކުދިން އުޅެންޖެހެ އެވެ. އަދި އެކުދިން އިލްމީގޮތުން ކުރިއަށް ދިއުމަށް ހުރަސްއެޅި، އިތުރަށް އުނގެނުމަށް ފޫހިވާ ގޮތް މެދުވެރިވެ އެވެ. މިފަދަ ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި މަދު ކުއްޖަކަށް ރަނގަޅު ބަދަލެއް އައިކަމުގައި ވިޔަސް، އާންމުކޮށް ކުދިންނަށް ވަނީ ގެއްލުމެވެ.
ކިޔެވުން ނިންމާ ވަކި މުއްދަތަކަށް މިލިޓަރީ ސާވިސްއަށް ދިއުން މަޖުބޫރު ގައުމުތައް ހުރެ އެވެ. މިސާލަކަށް ނޯތު ކޮރެއާ، އިޒްރޭލު، ސިންގަޕޫރު، ސައުތު ކޮރެއާ، އަދި ކިއުބާ ހިމެނެ އެވެ. ނަމަވެސް މިއިން އެއްވެސް ގައުމަކީ ހަމައެކަނި ދަށް މާކުހެއް ލިބިގެން މިލިޓަރީ ސަވިސްއަށް ދާންޖެހޭ ކުދިންނެއް ނޫނެވެ. ހުރިހާ ކުދިންވެސް ހިދުމަތަށް ނިކުންނަން ޖެހެނީ އެވެ. އަދި އުމުރުފުރައަށް ބަލާއިރު 18 އަހަރުން މަތީގެ ކުދިންނެވެ. މިގައުމުތަކަކީ އިހުއްސުރެ މިކަން މިގޮތަށް ކުރަމުން އަންނަ ގައުމުތަކަށްވެފައި، އެކަން ހުއްޓާލުމަކީ އެންމެ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މީގެ އިތުރުން އެ ގައުމުތަކުގައިވެސް ތައުލީމީ މާހިރުން ދަނީ މިކަމާ އިދިކޮޅަށް ބަހުސްތައް ކުރައްވަމުންނެވެ.
ވީމާ އިލްމުވެރިންގެ ބަހާއި އިލްމީ ދިރާސާތަކުގެ އަލީގައި، ސްކޫލު ނިމޭ އުމުރުފުރައިގެ "ވަކި ދަރިވަރުންތަކެއް" މިލިޓަރީ ތަމްރީނަށް ހުށައެޅިގެން ދިއުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ އެވެ.