- ދިވެހިންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނެކަން ޔަގީން
- ބޭރުގެ ފަރާތްތަކުން ރުޅި އަންނަނީ ހުކުމްތައް ގާއިމް ކުރަން އުޅޭތީ
- އެމްޑީޕީ ސަރުކާރަށް ނުކޮށްދެވުނު އެތައް ކަމެއް ކޮށްދީފިން
ރައީސް ޔާމީން 2018 އަކީ ވަރުގަދަ ޕްރޮޑަކްޓެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، މުދަލެއް ވިއްކޭނީ އެ ޕްރޮޑަކްޓަކާ ގުޅޭ ގޮތުން ދައްކާނެ ވާހަކަތަކެއް އެނގިގެން ކަމަށެވެ.
ރައީސް ޔާމީން ކެމްޕޭން މަހާސިންތާގެ ތިންވަނަ ބުރު ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މުދާ ވިއްކޭނީ އެ މުދަލެއްގެ ސިފަތައް އެނގިގެން ކަމަށާއި "ރައީސް ޔާމީން 2018" އަކީ ވަރުގަދަ ސިފަތަކެއް ހުރި ރައްޔިތުންނަށް ވިއްކޭ ވަރިގެ ޕްރޮޑްކްޓެއް ކަމަށެވެ.
"އާ ޕްރޮޑަކްޓްތައް އައީމަ ބާ ޕްރޮޑްކްޓަތަކުގެ ބޭނުމެއް ނޯންނާނެ، ގައުމުގައި ވިއްކަން މި އުޅެނީ ގައުމު ގޮވައިގެން ކުރިއަށް ދާނީ ކާކުތޯ ކޮން ޕްރޮޑަކްޓެއްތޯ، އަސާސަކަށް ބަލާ ކަމަށްވާނަމަ ޕްރޮޑަކްޓެއް ވިއްކުމާއި ރައީސްއެއް މަގާމަށް ގެނައުމާ އަސާސުތަކަށް ބަލާއިރު އެއްވެސް ތަފާތެއް ނެތް،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ވެރިކަމަށް އަންނަން ޖެހޭނީ ގޮންޖެހުންތަކާ ވެސް ކެރިގެން ކުރިމަތިލައްވާ، ޑިމޮކްރަސީ ފައްކާކުރެވޭވަރުގެ ރައީސްއެއް ކަމަށެވެ. އަދި އެއް ޕްރޮޑަކްޓާއި އަނެއް ޕްރޮޑަކްޓާ އަޅާ ކިޔުމަށްފަހު އިހުތިޔާރުކުރަން ޖެހޭނީ އެންމެ ފައިދާ ބޮޑު ޕްރޮޑަކްޓް ކަމަށް ރައީސް ވިދާޅުވި އެވެ. މަހާސިންތާގެ ބޭނުމަކީ ރައީސް ޔާމީން އަށް އިތުރު ދައުރެއް ދިނުމަށް ރައްޔިތުންނަށް ވިއްކޭނީ ކޮން ކަންތައްތަކެއްކަން ބުނެދީ އެކަންކަން ކުރެވޭނެ ގޮތްތައް ބަޔަކަށް ދަސްކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ މިއަދުގެ ސަރުކާރާއި އެމްޑީޕީގެ ސަރުކާރާ ވަރަށް ބޮޑަށް އަޅާކިޔައި، އެމްޑީޕީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. މިހާރުގެ ސަރުކާރުން ސިއްހީ ދާއިރާ އާއި ތައުލީމު ދާއިރާއިން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކުރެއްވި އެވެ. ކޮންމެ ރަށެއްގައި ބޭސް ފިހާރަ ހުޅުވައިދީ، ކިޑްނީ އަދި ލިވާ ޓްރާސްޕްލާންޓްގެ ހިދުމަތް އާސަންދައިގެ ދަށުން ދޭން ފެށީ މި ސަރުކާރުންކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ސުޕަސްޕަޝަލިސްޓުން ރާއްޖެ ގެނައުމާއި، ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް އެ ޑޮކްޓަރުން ފޮނުވީ ވެސް މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ. އަދި އިސްލާމް ދީނާ މެދު މި ސަރުކާރުން އެއްވެސް އިރެއްގައި ޝައްކު އުފައްދައި ގޮން ނުޖަހާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އިސްލާމީ ޔުނިވާސިޓީއެއް ހުޅުވައި، ޓީޗަރުންނަށް އެކި ފެންވަރުގެ ތައުލީމީ ފުރުސަތުތައް ހޯދައިދިނީ ވެސް މި ސަރުކާރުން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، މިދިޔަ ދެ އަހަރު އެކަނި ވެސް 423 ކްލާސް ރޫމް އަޅައިދީފައިވާ ކަމަށާއި ސްކޫލްތަކުގައި 19 ހޯލެއް އަޅައިދީ، 12 ސައިންސްލެބެއް އަޅައިދީފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، ބަލި މީހަކު ޑޮކްޓަރަށް ނުދައްކާ ރަނގަޅު ނުވާނެ ކަމަށާއި އަދި ޑޮކްޓަރަކީ މޮޅު ޑޮކްޓަރެއް ކަމާއި އިހުލާސްތެރި މީހެއް ކަމެއް ވެސް އެނގޭނީ ޑޮކްޓަރާ ބައްދަލުކުރުމުން ކަމަށެވެ. އެހެންކަމުން އެމްޑީޕީއިން ވެސް ސަރުކާރާއެކު މަޝްވަރާކުރުމަށް މޭޒު ދޮށަށް އަންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ރައީސް ވަނީ މަޝްވަރާއަށް ވަޑައިގަތުމަށް އެމްޑީޕީއަށް ގޮވާލައްވާފަ އެވެ.
ރައީސް ވިދާޅުވީ މި ސަރުކާރާ މެދު ބޭރުގެ ބައެއް ފަރާތްތަކުން ކަންބޮޑުވެގެން އުޅެނީ، މަރަށް މަރުން ހިފުން ފަދަ އިސްލާމީ ހުކުމްތައް މި ސަރުކާރުން ތަންފީޒު ކުރަން އުޅޭތީ ކަމަށެވެ. އެހެން ނަމަވެސް ރައީސް ވަނީ އެފަދަ އަދަބުތައް ލިބޭ ފަދަ ކުށްތައް ކުރުން މުޖުތަމައުން ނައްތާލުމަށް އެހީތެރިވުމަށް ބޭރުގެ ފަރާތްތަކަށް ގޮވާލައްވައިފަ އެވެ. އަދި މުޅި މުޖުތަމައުގެ ފައިދާ އަށްޓަކައި އަދި އިސްލާމީ ގައުމަކަށް ވާތީ ހުކުމްތައް ތަންފީޒު ނުކުރުމަށް ބާރު އެޅުމަކީ އެއްގޮތަކަށް ވެސް ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
"އެފަދަ ކަންކަމަކަށް އަޅުގަނޑުމެން ދީލައެއް ނުލާނަން. މީގައި އެބޭފުޅުން މަސައްކަތް މި ކުރައްވަނީ އަޅުގަނޑުމެންގެ އަތް ބަދަލެއް. އެބޭފުޅުން ބޭނުމެއް ނުވޭ މިފަދަ އަދަބުތައް ލިބޭ ކުށްތައް މަދުކުރަން ނޫނީ މުޖުތަމައުން ނައްތާލަން ކަންތައްތަކެއް ކުރާކަށް،" ރައީސް ވިދާޅުވި އެވެ.