އިޒްރޭލް

އަސަދުގެ ވެރިކަން ނިމުމާއެކު ހުއްޓުމެއްނެތި އިޒްރޭލުން ސީރިއާއަށް ހަމަލާ ދެނީ

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދުގެ 24 އަހަރުގެ ދިގު ވެރިކަން ވެއްޓުމާއެކު އިޒްރޭލުން ހުއްޓުމެއް ނެތި ސީރިއާއަށް ވައިގެ މަގުން ހަމަލާތައް ދޭން ފަށައިފި އެވެ.

އިޒުރޭލުން ހަމަލާ ދެނީ ސީރިއާގެ ސަލާމަތީ އަދި އިގްތިސާދީ މުހިއްމު ތަންތަނަށެވެ. ހަމަލާ ދޭ ތަންތަނުގެ ތެރޭގައި ވެރިރަށް ދިމިޝްގުގެ ތަންތަންވެސް ހިމެނެ އެވެ.

އިޒުރޭލުން މިހާތަނަށް ހަމަލާ ދީފައިވާ ތަންތަނަށް ބަލާއިރު ކެމިކަލް ހަތިޔާރު އުފައްދާ ކާރުހާނާތަކާއި ސައިންޓިފިކް ދިރާސާތައް ކުރާ ތަންތަނާއި އަގު ބޮޑު ހަތިޔާރާއި ބައެއް ވަސީލަތްތައް ރައްކާކޮށްފައި ހުރި ތަންތަންވެސް ހިމެނެ އެވެ.

ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްގެ އިސްވެރިޔާ ރާމީ އަބްދުއްރަހްމާން އެފްއޭޕީއަށް ބުނީ އިޒްރޭލުގެ ހަނގުރާމަވެރި މަތިންދާ ބޯޓުތަކުން ސީރިއާގެ ބަރްޒާހް ސައިންޓިފިކް ރިސާޗް ސެންޓަރު ހިމެނޭ ގޮތަށް ވަރަށް ގިނަ ތަންތަނަށް ބޮން އަޅާ ސުންނާފަތިކޮށްލާފައިވާ ކަމަށެވެ.

އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސީރީއާއަށް ހަމަލާދެނީ ދުރު ރާސްތާ މިސައިލް އަދި ރޮކެޓްތައް ހަރުކަށި ފިކުރުގެ އެއްވެސް ބައެއްގެ އަތަށް އެރިޔަ ނުދިނުމަށް ކަމަށެވެ.

ދެހާސް އެގާރަވަނަ އަހަރު ފެށުނު ސީރިއާގެ ދާހިލީ ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން ވަނީ އެ ގައުމަށް އެތައް ސަތޭކަ ހަމަލާއެއް ދީފަ އެވެ. ހަމަލާތައް ދެނީ ސީރިއާގެ އަސްކަރީ ބާރުތަކާއި އީރާންގެ ތާއީދު ލިބިފައިވާ ޖަމާއަތްތަކަށް އަމާޒުކޮށްގެން ކަމަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުން ބުނާ ގޮތުގައި އެމީހުންގެ ބޭނުމަކީ ސީރިއާގައި އީރާންގެ ނުފޫޒު ފުޅާވުން ހުއްޓުވުމެވެ. އެމީހުންގެ އަމާޒުތަކަށް ވަނީ އިރާނާ ގުޅުންހުރި ތަންތަނަށް ހަމަލާދިނުން ކަމަށްވެސް އިޒްރޭލުގެ ސަރުކާރުން ބުނެ އެވެ.