ވިޔަފާރި

އުރީދޫން އާތްއަވާ ފާހަގަކޮށްފި

Mar 20, 2016

މޫސުމަށް އަންނަމުންދާ ބަދަލުތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އުރީދޫ އިން އާތު އަވާ ފާހަގަކޮށްފި އެވެ.

އުރީދޫން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ހަބޭސް ބޮޑުބެރު ގްރޫޕާ ގުޅިގެން، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި މެދު ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި، އާތު އަވާގެ ވަގުތުގައި އުއްބައްތީގެ އަލީގައި ބޮޑުބެރުގެ ހަރަކާތެއް ރޭ ބާއްވާފައިވާ ކަމަށެވެ.

"އުއްބައްތީގެ އިތުރުން، ދެމެހެއްޓެނިވި މުސްތަގްބަލަކަށްޓަކައި އެންމެ އެދެވޭ ގޮތުގައި ހަކަތަ ބޭނުންކުރާ އަލި ބޭނުންކުރުމަށް ބާރުއެޅުމަށްޓަކައި، އިވެންޓްގައި ލެޑް ލައިޓް ވެސް ވަނީ ބޭނުންކޮށްފަ އެވެ. ކުރީގެ އަހަރުތަކާއި އެއްފަދައިން، އާތު އަވަރގެ ވަގުތުކޮޅުގައި، ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ އުރީދޫގެ އޮފީސްތަކުގައި ވަނީ ކަރަންޓް ބޭނުންކުރުން ހުއްޓާލާފަ އެވެ،" އުރީދޫން ބުނެފައިވެ އެވެ.

އުރީދޫގެ ސީނިއާ އެކްޒެކެޓިވް ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މި ހަރަކާތަކީ ތިމާވެއްޓަށް އާއްމުގެ ހޭލުންތެރިކަން އިތުރު ކުރަން ބޭއްވި ހަރަކާތެއްކަމަށެވެ.

"ދުނިޔެ ހޫނުވުމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހޭލުންތެރިކަން އިތުރުކުރުމަށާއި، އާންމު ދިރިއުޅުމުގައި ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާކަންކަމުގެ ބަދަލުގައި ތިމާވެއްޓާއި ރައްޓެހި ހައްލުތައް ހޯދުމުގައި، ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ އާރތް އަވާރ އިން ނުހަނު ބާރުއަޅާ ކަމެއް،" ނޫރާ ވިދާޅުވި އެވެ.

" ދެމެހެއްޓެނެވި މުސްތަގްބަލެއް ގާއިމްކުރުމުގައި ޓެކްނޮލޮޖީ އަކީ ވަރަށް މުހިންމު ވަސީލަތެއްކަމުގައި އުރީދޫ އިންވެސް ގަބޫލުކުރަން. އެހެންކަމުން، ތިމާވެށި ދެމެހެއްޓުމުގަޔާއި، އެދެވޭގޮތުގައި ހަކަތަބޭނުންކުރުމުގައި، އަދި ނުރައްކާތެރި ކުނީގެ ބާވަތްތައް މަދުކުރުމުގައި އެހީތެރިވާ އީކޯ ފްރެންޑްލީ ޓެކްނޮލޮޖީތަކުގެ ބޭނުން ހިފުމަށް އަޅުގަނޑުމެން މަސައްކަތްކޮށް، އެކަމަށް ބާރުއަޅަން."

އުރީދޫ އަކީ އެ ކުންފުނީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަށް ކުޑަކުރުމުގައި ބާރުލާ މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ. މިގޮތުން އެކުންފުންޏަކީ ރާއްޖެއަށް ފަހުގެ ޓެކްނޮލޮޖީ އެއްކަމަށްވާ ސިންގަލް ރޭޑިއޯ އެކްސެސް ނެޓްވަރކް (ރޭން) ގެ އިކުއިޕްމެންޓް ތައާރަފްކުރި ކުންފުންޏެވެ. މި އުފެއްފުންތެރި ޓެކްނޮލޮޖީ މެދުވެރިކޮށް ބޭނުންކުރާ ކަރަންޓް 54 ޕަސެންޓް މަދުކުރެވި، ކާބަން ފުޓްޕްރިންޓްގެ އަދަދު 80 ޕަސެންޓް ސަލާމަތްކުރެވެ އެވެ.