ރާއްޖެ ކުޅިވަރު

އޭޝިޔާ އިން ރެޑްބުލްގެ ފުރަތަމަ ވޮލީ އެތްލީޓަކަށް ކުޑަކާއްޓެ

Mar 20, 2016

ރާއްޖޭގެ އެތްލީޓުންގެ ތެރެއިން މަޝްހޫރު އެނާޖީ ޑްރިންކް ރެޑްބުލް އިން މިއަހަރު ސްޕޮންސަކުރާ އެތްލީޓެއްގެ ގޮތުގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހަމަޖައްސައިފި އެވެ.

މިދިޔަ ހަތަރު އަހަރު ވެސް ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޑަކާއްޓޭ އެ މަގާމަށް ހަމަޖެއްސުމާ އެކު މިއީ، މުޅި އޭޝިއާގައި ވެސް ވޮލީބޯޅަ ކުޅުންތެރިއެއް ރެޑްބުލްގެ އެތުލީޓަކަށް ހެދި ފުރަތަމަ ފަހަރެވެ. ކުޑަކާއްްޓޭ އަކީ މިހާރު ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ އުހުގައި ފިޔަޖަހަމުންދާ ތަރިއެކެވެ. ގައުމީ ފެންވަރުގައި އަދި އިންޑިވިޖުއަލް ގޮތުން އޭނާ ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ކުޑަކާއްޓޭ ރެޑްބުލް އެތްލީޓަކަށް ހަމަޖެއްސުމާ އެކު އޭނާ ބުނަނީ މިއީ ކެރިއަރަށް ލިބުނު ބޫސްޓެއް ކަމަށެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި އިތުރަށް ބާރަށް ކުރިއަށް ދިޔުމަށް ލިބުނު ފުރުސަތެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބެއް،" ކުޑަކާއްޓޭ ،25އ. ބުންޏެވެ. "މި ކަހަލަ ފުރުސަތެއް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް."

ރެޑްބުލް އިން ބުނަނީ ރެޑްބުލް އެތްލީޓަކަށް އޭނާ ހަމަޖެއްސީ، ކުޅިވަރު އެތުލީޓެއްގެ ގޮތުގައި ޝާހު ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ. މިއީ ދިވެހި އެތުލީޓެއް ރެޑްބުލް ޕާޓްނަޝިޕް ކޮންޓުރެކްޓެއް ދިން ދެވަނަ ފަހަރެވެ.

މިއީ ދިވެހި ވޮލީގެ އެންމެ ވަރުގަދަ ނަން

ކުޑަކާއްޓޭ އަށް ވޮލީގެ ތެރެއަށް ވަނީ ވަރަށް ޒުވާން އުމުރެއްގަ އެވެ. އޭނާ ވޮލީގެ ހުނަރުތައް ކުރިއަށް ޖައްސާލުމުގެ ފުރުސަތު ލިބުނީ ރާއްޖޭގެ ޖޫނިއާ ވޮލީ ޕޫލުންނެވެ. އޭރު ވެސް ކުޑަކާއްޓޭއަށް އިރުޝާދުދިން ކޯޗުންނަށް ވެސް އޭނާގެ ހުނަރުވެރިކަން ފާހަގަކުރެވުނެވެ. ފުރަތަމަ ޑިވިޝަންގައި އޭނާއަށް ފުރަތަމަ ތަޖުރިބާ ލިބުނީ 2008 ވަނަ އަހަރު ބަނޑޮސް ޓީމުންނެެވެ.

ސާޖިދު ނިސްބަތްވަނީ ވޮލީގެ އާއިލާއަކަށެވެ. އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ސާޖިދު (ކާއްޓޭ) އަކީ ކުރިން ރާއްޖޭގައި ފާހަގަކޮށްލެވުނު ކުޅުންތެރިޔެކެވެ. ގައުމީ ޓީމުގެ ކެޕްޓަންކަން ކުރިން ކޮށްފައިވާ ކާއްޓޭ މިހާރު ވޮލީގައި ހަރަކާތްތެރިވަނީ ކޯޗެއްގެ ގޮތުގަ އެވެ. ސާޖިދު ވޮލީގައި ކުރިއަށް ދިއުމަށް އަބަދު ވެސް ކާއްޓޭގެ ފަރާތުން އެހީތެރިކަން ލިބޭ ކަމް އޭނާ ފާހަގަކުރެ އެވެ.

ވޮލީގެ އިތުރަށް ކުޑަކާއްޓޭގެ ނަން ބާސްކެޓްގައި ވެސް ވަނީ ފާހަގަކުރެވިފަ އެވެ. ބާސްކެޓްގައި ކުރިއަށް ދިއުމުގެ ފުރުސަތު ވެސް ސާޖިދުއަށް އޮތެވެ. އެކަމަކު ވަރަށް ގިނަ ކަންތައްތަކަށް ވިސްނުމަށް ފަހު، ޝާޖިދު ނިންމީ ވޮލީ އަށް ހުސްވުމަށެވެ. އޭގެ ނަތީޖާ ވަނީ ވަރަށް ރަނގަޅަށް ފެނިފަ އެވެ.

ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމާއެކު ވެސް ސާޖިދު މި ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ. ނޭޕާލްގައި 2013 ވަނަ އަހަރު އޮތް އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގައި ވާދަކޮށް، ވޮލީގައި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ މެޑައްޔެއް ގައުމީ ޓީމުން ހޯދިއިރު، އެ މުބާރާތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ބަންގްލަަދޭޝްގައި މިދިޔަ އަހަރު އޮތް އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލުން ރާއްޖެ ބަލިވިޔަސް، ކޮންމެ ވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ކުޑަކާއްތެ އުފުލައިލުމުންނެވެ. ދެކުނު ކޮރެއާގައި 2014 ވަނަ އަހަރު އޮތް އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ހޯދީ ވެސް މި ޒުވާން އެތްލީޓެވެ.

ރެޑްބުލް އަކީ އެންމެ ބޮޑު ހިތްވަރު

ރެޑްބުލްގެ އެތުލީޓަކަށްވުމުގެ ފުރުސަތު ލިބުމާއެކު ސާޖިދު އެ ފުރުސަތު ގަބޫލްކުރީ އިތުރު ވިސްނުމެއް ވެސް ނެތި އެވެ. ސާޖިދު ފާހަގަކުރާ ގޮތުގައި ޕާޓްނަޝިޕް ކޮންޓުރެކްޓް ލިބުމުގެ ކުރިން ވެސް ރެޑްބުލް އިން ދިޔައީ އޭނާ އަށް އެހީތެރިކަން ދެމުންނެވެ. މޮޅު އެތުލީޓަކަށް ސާޖިދު ހެދުމަށް ރެޑްބުލް އިން ވަރަށް ގިނަ ގޮތްގޮތުން އެހީތެރިވެދިން ކަމަށް އޭނާ ބުންޏެވެ. ބުންޏެވެ.

"ފާއިތުވި ދެ އަހަރުގައި ރެޑްބުލް އިން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދިން. ރަނގަޅު އެތުލީޓަކަށް ހެދުމަށް ރެޑްބުލް އިން އެހީތެރިވެދިން. ފާއިތުވި ދެ އަހަރު ވެސް ރެޑްބުލް އިން ދިޔައީ އަޅުގަނޑުގެ ކެރިއަރު ވަރަށް ރަނގަޅަށް ބަލަމުން،" ސާޖިދު ބުންޏެވެ. "ރެޑްބުލް އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން ބޭނުން."

ރެޑްބުލްއާއެކު އިތުރު އުންމީދުތަކެއްގައި

ރެޑްބުލްގެ އެތުލީޓަކަށް ސާޖިދު ހަމަޖެއްސުމަކީ ހަމައެކަނި އޭނާ އަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި އޭނާ ނުދެކެ އެވެ. ސާޖިދު ގަބޫލްކުރާ ގޮތުގައި މިއީ ރާއްޖޭގެ ވޮލީބޯޅަ އާއިލާ އަށް ލިބުނު ރީތި ނަމެކެވެ.

އޭނާ ބުނީ މި ފުރުސަތު ބޭނުން ހިފައި، ވޮލީބޯޅަ އަށް އިތުުރު ކުރިއެރުންތަކެއް ހޯދަން އޭނާ މަސައްކަތްކުރާނެ ކަމަށެވެ.
"މި ޕާޓްނަޝިޕްގެ ދަށުން އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް ރޭވިފައި. އަޅުގަނޑު ބޭނުންވަނީ މި ފުރުސަތުގެ ބޭނުންކޮށްގެން، ވޮލީ އަށް އިތުުރު ކުރިއެރުންތަކެއް ހޯދައިދޭން. އެއީ ހާސިލްކުރަން ބޭނުންވާ ކަމަކީ،" ސާޖިދު ބުންޏެވެ.

މި ޕާޓްނަޝިޕާއެކު ކުޑަކާއްޓޭ ހުރީ އިތުރު ކާމިޔާބީތަކެއް ހޯދުމުގެ ވަރުގަދަ ހިތްވަރަކާއި އަޒުމެއްގަ އެވެ. އަދި މި ސީޒަންގައި ކުރިއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކުމަށް މަސައްކަތް ކުރާނެ ކަމަށް ކުޑަކާއްޓެ ބުންޏެވެ.

"އަސްލު ވަރަށް ބޮޑު މޯޓިވޭޝަނެއް މިއީ. ރެޑްބުލް އިން ވެސް އަޅުގަނޑުގެ ޕަފޯމަންސް ބަލާނެ. އެހެންކަމުން މި އަހަރު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ލިބުނު މޯޓިވޭޝަނެއް މިއީ،" ސާޖިދު ބުންޏެވެ.

ފާއިތުވެ ދިޔަ ހަތް އަހަރު، އަޝްފާގް އާދަމް (އައްކަޅޭ) އާ އެކު ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ސާޖިދު އެވެ.
ޝާޖިދު އަކީ ފާއިތުވި ހަތަރު އަހަރު ވެސް ހަވީރުން ހޮވާ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކުޅުންތެރިޔާ އެވެ. މިއީ ހަވީރުގެ އެވޯޑްގެ ތާރީހުގައި އާ ރެކޯޑެކެވެ.

ކުޑަކާއްޓޭ ނޫނީ ސާޖިދު އަކީ މި ވަގުތު ރާއްޖޭގައި ހުރި ރެޑްބުލްގެ ހަމައެކަނި އެތުލީޓު ނަމަވެސް ރެޑްބުލް އިން ދަނީ ވޮލީގެ އިތުރުން އެހެން ކުޅިވަރުތަކުގެ އެތުލީޓުންނަށް ވެސް ސަމާލުކަން ދިނުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.