ހަބަރު

ގައިދީންނާ ބައްދަލުކުރަން އާއިލާ އާއި ވަކީލުންނަށްދޭ ވަގުތު ކުރުކޮށްފި

އެކި އެކި މައްސަލަތަކުގެ ތަހުގީގު މަރުހަލާގައި ފުލުހުންގު ބަންދުގައި ތިބޭ މީހުންގެ އާއިލާތަކަށް އިންތިޒާމުކޮށްދޭ އާއިލީ ބަންދަލުވުންތަކާއި ވަކީލުންނާ ބައްދަލުކުރުމުގެ ބައްދަލުވުންތަކަށް ބަދަލު ގެނެސް އެފަދަ ބައްދަލުވުންތަކަށް އުސޫލުތަކެއް ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުން ކަނޑައަޅައިފި އެވެ.

މި އުސޫލުގެ ސަބަބުން އާއިލާ އަދި ވަކީލުންނަށް ގައިދީންނަށް ބައްދަލުކުރުމަށް ލިބޭ ވަގުތު ކުރުވެ އެވެ.

މިއަދުން ފެށިގެން އަމަލުކުރަން ފެށި އުސޫލުގައިވާ ގޮތުން އާއިލީ ބައްދަލުވުންތައް ހަމަޖައްސައިދޭނީ ފުލުހުންގެ ބަންދުގައި އެމީހަކު ހަތް ދުވަހަށްވުރެ ގިނަ މުއްދަތަށް ހުންނަ ނަމަ އެވެ. އެހެން ނަމަވެސް މައްސަލަ ތަހުގީގު ކުރާ އިންވެސްޓިގޭޝަން އޮފިސަރުގެ ހުއްދައާއެކު ހާއްސަ ގޮތުން އާއިލީ ބައްދަލުވުންތައް ހަމަޖައްސައިދެވޭނެ ކަމަށް އުސޫލުގައިވެ އެވެ. އަދި ބަންދުގައި ހުންނަ މީހަކަށް އައިލީ ބައްދަލަވުން ހަމަ ޖައްސައި ދެވޭނީ ކޮންމެ 15 ދުވަހަކުން އެއް ބައްދަލުވުން ކަމަށާއި އާއިލީ ބައްދަލުވުމެއްގެ ދިގު މިނަކީ އެކެއް ގަޑިއިރުކަމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުން މިއަދު އަމަލުކުރަންފެށި އުސޫލުގައިވާ ގޮތުން ބަންދުގައި ހުންނަ މީހާ އެދިގެން ނުވަތަ އެމީހެއްގެ ގާނޫނީ ވަކީލު އެދިގެން ވަކީލުންގެ ބައްދަލުވުން ހަމަޖައްސައި ދޭނީ ހަފްތާއަކު ދެ ބައްދަލުވުން ކަމަށާއި އެމިގޮތުން ބާއްވާ ބައްދަލުވުންތައް ބޭއްވޭނީ ހުކުރު ދުވަހާއި އެކިއެކި މުނާސަބަތު ތަކާގުޅިގެން ސަރުކާރު ބަންދުކުރާ ދުވަސްތައް ފިޔަވައި އެހެން ދުވަސް ދުވަހު ހެނދުނު 09:00 ން ރޭގަނޑު 22:00 އާދެމެދުގެ ވަގުތު ތަކުގައި ކަމަށް އުސޫލުގައިވެ އެވެ. އަދި ވަކީލުންގެ ބައްދަލުވުމެއްގެ ދިގުމިނެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ދޮޅު ގަޑިއިރެވެ.

ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ނާފިޒް ވިދާޅުވީ މިއަދުން ފެށިގެން އަމަލުކުރަންފެށި މި އުސޫލުގެ ސަބަބުން އާއިލީ ބައްދަލުވުންތަކަށް އެދޭ ފަރާތްތަކަށް އާއިލީ ބައްދަލުވުންތައް ހަމަޖައްސައިދިނުން އިތުރުކުރެވި ގިނަ އާއިލާތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން މިފަދަ ބައްދަލުވުންތަކުގެ ދިގުމިނެއް ނެތުމުގެ ސަބަބުން އެދޭ ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމުގައި ދަތިތައް ދަނީ ކުރިމަތިވާ ކަމަށާއި ވަކީލުންގެ ބައްދަލުވުންތައްވެސް މި ބަދަލާއެކު އިތުރަށް ހަރުދަނާވެ ފުރުސަތު ދިނުން އިތުރު ކުރެވިގެންދާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ.