މޯލްޑިވްސް ޕޮލިސް ސާވިސް

ރަޖުނީ، މަސައްކަތްތަކުން ވަގުތީގޮތުން ދުރުކޮށްފި

ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި ހުންނެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ކުރައްވަމުން މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކޮށްފި އެވެ.

ފުލުހުންގެ އިދާރާ އިން މިބަދަލު ގެނެސްފައި މިވަނީ ރަޖުނީ، ވިނަރެސް ފްލެޓެއް ގަނެފައިވާ ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުކުރަމުންދާ މައުލޫމާތާ ގުޅިގެން އެކަމުގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާފައިވޭތޯ ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފައިވާ ވަގުތެއްގައެވެ.

މީގެއިތުރުން މިވަގުތަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ފުލުހުންގެ އިދާރާ އިން ޖިނާއީ ބޮޑު ތަހުގީގެއްވެސް ކުރިއަށް ގެންދާ ވަގުތެކެވެ.

ފުލުހުންގެ ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާން މިރޭ ވިދާޅުވީ ރަޖުނީ ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާ ހަވާލުކުރީ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ނުވަތަ އިތުބާރު ހިފެހެއްޓުމަށްޓަކައި ކަމަށެވެ.

"[މިއީ] އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެކެވެ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން އިތުރަށް ވިދާޅުވީ ފުލުހުންގެ އިދާރާގެ މި ނިންމުމަކީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން އެ އިދާރާ އިން މިހާރު ޔަގީންކުރަމުންދާ ކަންކަމުގައި، އޭނާ އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.

ވިނަރެސް ޓަވަރުތަކުގައި ހުރި ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ރަޖުނީ ގަނެފައިވާ ކަމަށް ސޯޝަލްމީޑިއާގައި ތިލަކުރީ "ހަސަންކުރުސީ"ގެ ނަމުގައި ހިންގާ އެކްސް އެކައުންޓް ގައެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ރަޖުނީ ވަނީ ހުޅުމާލޭގައި ހުންނަ ޕޮލްކޯ ފްލެޓްތަކުގެ ތެރެއިން ވެސް ފްލެޓެއް ހޯދާފަ އެވެ.

ރަޖުނީ ތިން މިލިއަނެއްހާ ރުފިޔާއަށް ފްލެޓް ގަނެފައިވާތީ އެއީ އޭނާ ކިހިނެއް ހޯދި ފައިސާއެއްތޯ އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އަވަސްއަށް އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވިނަރެސް ޓަވަރުގައި އެހެން ބައެއް ފުލުހުންވެސް ފްލެޓް ގަނެގެން ދިރިއުޅެ އެވެ.