ހަބަރު

ކޯޑިނޭޓަރުކަން ލިބުމުން ކައުންސިލުން އިސްތިއުފާދީފި

ހދ. އަތޮޅު ކައުންސިލްގެ މެންބަރު އާދަމް ނާސިރު، އެ ކައުންސިލުން އިސްތިއުފާ ދެއްވައިފި އެވެ. އާދަމް ނާސިރަކީ އެ ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އަތޮޅު ކައުންސިލްގެ މިހާރުގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ، ނާސިރު އިސްތިއުފާ ދެއްވާ، މިއަދު އެ ކައުންސިލަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. ސިޓީގައި މަގާމުން އިސްތިއުފާ ދެއްވާ ސަބަބު ބަޔާންކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

ދެހާސް ސާދަވަނަ އަހަރު އިންތިހާބުވި އެ ކައުންސިލްގެ ރައީސްކަން ނާސިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ފުރައްވާފައިވެ އެވެ. ނާސިރު ކައުންސިލްގެ ރައީސްކަމުން އިސްތިއުފާ ދެއްވީ، ވެރިކަންކުރާ ޕީޕީއެމްއާ ގުޅުމަށްފަހު އެވެ. އޭނާ ކައުންސިލަށް އިންތިހާބުވީ އަދާލަތު ޕާޓީގެ ޓިކެޓެއްގައި ހަނިމާދޫ ދާއިރާއިންނެވެ.

ކައުންސިލުން އިސްތިއުފާ ދެއްވި ސަބަބެއް އާދަމް ވިދާޅުވެފައިނުވާ ނަމަވެސް، އޭނާއަށް ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރުކަމުގެ މަގާމު ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަހުމަދު އިބްރާހިމް ވެސް ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބިފައިވާ ކަމަށެވެ.