ހަބަރު

ގާޒީ ހަސަންގެ މައްސަލަ މަޑުޖައްސާލުމަށް އަމުރެއް ނުނެރުނު

ސަސްޕެންޑްގައި ހުންނެވި، ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުން މަޑުޖައްސާލުމަށް އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ގާޒީ ހަސަން ސައީދު ޖޭއެސްސީގެ މައްޗަށް އަމަރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅީ ސަސްޕެންޑްކުރުމާ ގުޅިގެންނެވެ.

ޖޭއެސްސީ އިން ހަސަން ސައީދުގެ މައްސަލަ ބަލަނީ، ފެމިލީ ކޯޓުގެ ބައްދަލުވުމެއްގައި މުވައްޒަފުންނަށް މުހާތަބުކޮށް ދެއްކި ވާހަކައެއްގައި ހައިކޯޓަށް އެންމެ ފަހުން އައްޔަން ކުރި ފަނޑިޔާރުންނަކީ އެންމެ ކޮރަޕްޓް މީހުންނަށް ކަމަށް ބުނެ އޭނާ ވާހަކަ ދައްކަވާފައިވާތީ އެވެ.

"ކޮމިޝަނުން މިގޮތަށް ނިންމީ ފެމިލީ ކޯޓުގެ އިސްގާޒީ އަލްއުސްތާޒު ހަސަން ސައީދާ ބެހޭގޮތުން ކޮމިޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ޝަކުވާއަކާ ގުޅިގެން ގާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު)ގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމިޓީން މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ޤާނޫނުގައިވާގޮތުގެމަތީން ލިބިދެވެންޖެހޭ ފުރުޞަޠުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެނެވެ،" ގާޒީ ހަސަން ސަސްޕެންޑްކޮށް، ޖޭއެސްސީގެއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ދާދިފަހުން ޖޭއެސްސީ އިން ނިންމާފައި ވަނީ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކޮށްފަ އެވެ. އޭނާ ފެމިލީ ކޯޓްގެ އިސް ގާޒީ އަކަށް ހަމަޖައްސާ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.