ހަބަރު

ރަސްފަންނު މޫދަށް އެރުން މަނާކޮށްފި

މާފަންނު ސަރަހައްދުގައި އަލަށް ތަރައްގީ ކުރި ރަސްފަންނު ބީޗުގެ މޫދަށް އެރުން މަނާކޮށްފި އެވެ.

ރަށެއްގެ މަލަމަތި ސިފަވާ ގޮތަށް ސަރުކާރުން ހެދި ބީޗުގައި ހައުސިން މިނިސްޓްރީން ޖަހައިފަވާ ބޯޑެއްގައި ބުނެފައި ވަނީ މަސައްކަތެއް ކުރިޔަށްދާތީ މޫދަށް ނޭރުމަށް އެދޭ ކަމަށެވެ.

ނަމަވެސް މިކަމާއި ގުޅިގެން ހައުސިން މިނިސްޓްރީ ފަރާތުން ބަހެއް ލިބިފައެއް ނުވެ އެވެ. އެތަނަށް އެރުން މަނާ ކުރީ ނަޖިސް ހޮޅިއެއް ފަޅައިގެން ދިޔުމުގެ ސަބަބުން ކަމަށް އަޑުތައް ފެރުރިފައިވީ ނަމަވެސް އެއްވެސް ރަސްމީ ފަރާތަކުން އެކަން ކަށަވަރެއް ނުކޮށްދެ އެވެ.

އަލަށް ރަސްފަންނު ބީޗު ހުޅުވި އިރު ބީޗުގެ ފެންގަނޑު އޮތީ ކޮންމެވެސް ވަރަކަށް ކިލަނބުވެފައެވެ. ނަމަވެސް މި ފަހަކަށްއައިސް މޫދު ސާފުވެ ގިނަ ބަޔަކު މޫދަށް އެރެ އެވެ. ރަސްފަންނު ބީޗު ހުޅުވި އިރުވެސް ބްރިޖަކާއިއެކު މޫދުމަތީގައި އިންނަ ޕެވިލިއަންގެ މަސައްކަތެއް ނުނިމެ އެވެ. އެ މަސައްކަތަށް ހައެއްކަ މަސް ނަގާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފައިވެ އެވެ.