މިއީ އާދައިގެ އެނިމޭޓެޑް ފިލްމެއް ނޫނެވެ. އުތުރު އެމެރިކާގައި މި މަހުގެ ހަތަރު ވަނަ ދުވަހު ޕްރިމިއާކުރި ގޮތަށް މި ފިލްމެއްގެ ބާރު އެ އުޅެނީ އެ ސަރަހައްދުގެ ބޮކްސް އޮފީހުން ނުކެނޑުވިގެންނެވެ. އެންމެފަހުން ނެރުނު ފިލްމު "ދަ ޑައިވާޖެންޓް ސީރީޒް: އެލެޖައިންޓް" އަށް ވެސް "ޒޫޓޯޕިއާ" ގެ ކުރިމަތީގައި ދެއްކުނު މޮޅެއް ނެތެވެ.
ޑިޒްނީގެ މި ފިލްމު އެމީހުންގެ އެހެން އެނިމޭޓެޑް ފިލްމުތަކާ ވެސް ތަފާތީ އެވެ. މިއީ ޑިޒްނީގެ "ކްލެސިކް" ފިލްމުތަކުގެ ރަހަ އާއި ކުލަ އޭގައި ޖެހިފައިވާ ފެންވަރުގެ އުފެއްދުމެކެވެ. އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި "ޒޫޓޯޕިއާ" އެ ވަނީ އެކަން ސާބިތު ވެސްކޮށްދީފަ އެވެ.
އެމެރިކާގެ ބޮކްސް އޮފީހުގައި މި ފިލްމަށް މިހާތަނަށް 500 މިލިއަން ޑޮލަރު ލިބިފައިވާއިރު މިއީ ޑިޒްނީގެ މާ ގިނަ އެނިމޭޓެޑް ފިލްމުތަކަކަށް ލިބިފައިވާ ޝަރަފެއް ނޫނެވެ. ކުރިން ބޮކްސް އޮފީހުގައި މި ޝަރަފު ހޯދި ޑިޒްނީގެ އަނެއް ދެ ފިލްމަކީ 2013 ވަނަ އަހަރުގެ ރިކޯޑްތައް މުގުރި "ފްރޯޒެން" އާއި އެމީހުންގެ މަޝްހޫރު "ދަ ލަޔަން ކިންގް" އެވެ.
އެހެންކަމުން "ޒީޓޯޕިއާ" ގެ ފޯރިއެއް އަރައިގެން މި ފޯރީގައި ކުރިއަށްދާ ނަމަ "ފްރޯޒެން" އާއި "ދަ ލަޔަން ކިންގް" ގެ ރިކޯޑް ވެސް މި ފިލްމުން މުގުރާލާނެ ކަމަށް ބޮކްސް އޮފީހުގެ ތަޖުރިބާކާރުން ދަނީ މިހާރު ވެސް ބުނަމުންނެވެ.
މިއީ ކިހިނެތްވާ ފިލްމެއް؟
މިއީ ތްރީޑީ، އެޑްވެންޗާ ކޮމެޑީ އެކެވެ. ޑިޒްނީގެ 55 ވަނަ އެނިމޭޓެޑް ފިލްމެވެ. ފިލްމުގެ ޑައިރެކްޓަރުންނަނީ "ރެކް އިޓް ރަލްފް" ޑައިރެކްޓްކުރި ރިޗް މޯ އާއި "ޓެންގެލްޑް" ޑައިރެކްޓްކުރި ބައިރޮން ހަވަޑް އެވެ.
ފިލްމަށް އަޑުއަޅައިދީފައިވާ އެކްޓަރުންގެ ތެރޭގައި ޖޭސަން ބޭޓްމަން، އިދްރިސް އަލްބާ، ޖޭކޭ ސިމޮންސް އަދި އޮކްޓޭވިއާ ސްޕެންސާ ފަދަ މަޝްހޫރު ތަރިން ފާހަގަކޮށްލެވެ އެވެ.
ފިލްމުގައި ދައްކުވައި ދެނީ "ޒޫޓޯޕިއާ" ނަމަކަށް ކިޔާ ޒާމާނީ ސިޓީއެކެވެ. އެކަމަކު މިއީ އެކި ވައްތަރުގެ ޖަނަވާރުތަކަށް ހާއްސަ ސިޓީއެކެވެ. މިއީ ހުރިހާ ޖަނަވާރުތަކެއްގެ ގެ އެވެ. އެތަކެތީގެ އުއްމީދެވެ.
މި ސިޓީގެ މި އާދަޔާހިލާފު ވާހަކަ އަށް ޓްވިސްޓެއް އަންނަނީ ޖޫޑީ ހޮޕްސް ނަމަކަށް ކިޔާ އަންހެން މުސަޅަކު އޭތީގެ ފުލުސް ވަޒީފާގައި ދެމިހުރުމަށް ކުރިމަތިލާން ޖެހޭ ގޮންޖެހުންތަކަކާ ބައްދަލުވާ ހިސާބުންނެވެ. އޭތީގެ މި ވާހަކަ އަށް އިތުރު ޓްވިސްޓެއް އަންނަނީ ނިކް ވައިލްޑް ނަމަކަށް ކިޔާ ނިކަން މަކަރުވެރި ހިޔަޅަކާ ދިމާވާ ހިސާބުންނެވެ.
މި ފިލްމަށް އެންމެ ބޮޑަށް ތައުރީފު އޮހެމުން ދަނީ އޭގެ އެނިމޭޝަންގެ މަސައްކަތަށެވެ. އެހެންކަމުން މި އަހަރުގެ ފިލްމުތަކަށް އަންނަ އަހަރު އޮސްކާ ދޭއިރު އެނިމޭޓެޑް ފިލްމު ކެޓަގަރީގައި މި ފިލްމު ވާދަކުރާނެކަން މިހާރު ވެސް ވަނީ ޔަގީންވެފަ އެވެ.
ފިލްމުގެ އެނިމޭޝަންގެ އިތުރުން އެކްޓަރުންގެ މޮޅުކަމަށާއި އޭގެ ސްކްރީންޕްލޭގެ މޮޅުކަމަށް ވެސް ފާޑުކިޔުންތެރިން ދަނީ ތައުރީފުގެ ފިނިފެންމާ އުކަމުންނެވެ.