ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

އިންޓަނޭޝަނަލާއި ޑޮމެސްޓިކް ޓާމިނަލާދެމެދު ވޯކްވޭއެއް ހުޅުވައިފި

Mar 21, 2016
2
  • މި ވޯކްވޭ ހަދަން 3.5 މިލިއަން ރުފިޔާ ހޭދަވި
  • އެއާޕޯޓު ތަރައްގީއަށް ގިނަ މަސައްކަތް ތަކެއް ފަށާފައި
  • ފެެރީއަށް ދާންވެސް ވޯކްވޭއެއް ވަރަށް އަވަހަށް ހަދާނެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ގައި އިންޓަނޭޝަނަލް ޓާމިނަލް އިން ޑޮމެސްޓިކް ޓާމިނަލަށް ހާއްސަ ވޯކްވޭއެއް ހަދައި މިއަދު ހުޅުވައިފި އެވެ. މިއަދު ހުޅުވި ވޯކްވޭއަކީ ވިއްސާރަ އަދި ހޫނު މޫސުމުގައި ވެސް ވާރެއިން ސަލާމާތްވެގެން ފަސޭހަ ކަމާއެކު ބޭނުން ކުރެވޭނެ ވޯކްވޭ އެކެވެ.

އައިއެންއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނޭޝަނަލް ޓާމިނަލް އިން ޑޮމެސްޓިކް ޓާމިނަލްއަށް ދެވޭ ވޯކްވޭ ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އެވެ.

ވޯކްވޭ ހުޅުވުމަށްފަހު އާދިލް ވިދާޅުވީ 3.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ޓާމިނަލްގެ މަސައްކަތް ކޮށްފައިވަނީ ބިޑް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ.

"ވަރަށް ގިނަ ބައެއްގެ ޝަކުވާއެއް އަބަދުވެސް ލިބޭ އިންޓަނޭޝަނަލް ޓާމިނަލްއިން ޑޮމެސްޓިކް ޓާމިނަލްއަށް އަންނައިރު ވިއްސާރަ ތެމިގެންނޭ އަންނަން ޖެހެނީ. އެ ޝަކުވާ އަބަދު ވެސް ލިބޭ. އެހެންވެ މިކަން ހައްލުކޮށްދިނުމުގެ ގޮތުން މި މަސައްކަތް ނިންމާލެވުނީ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއާޕޯޓުގެ ހިދުމަތް ބޭނުންކުރާ މީހުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ޑޮމެސްޓިކް ޓާމިނަލްއަށް ބެލިނަމަވެސް އެތަނަށްވެސް ބޮޑު އިމްޕްރޫވްމަންޓެއް ގެނެސްފައިވާނެ. އެތަން ކޮންޓްރެކްޓާއެއް ހޯދުމަށް ވާނީ އިއުލާނުކޮށްފަ،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިންޓަނޭޝަނަލް ޓާމިނަލްއިން ފެރީއަށް ދިއުމަށްވެސް ވޯކްވޭއެއް ހެދޭނެ ކަމަށެވެ.

"މިހާރު ކަނެކްޝަން ހެދިފައި އިނީ އިންޓަނޭޝަނަލްއާ ޑޮމެސްޓިކާ ދެމެދު. ނަމަވެސް ބަޔަކު ހޯދައިގެން އަންނަ މަހު ފެރީން ޑޮމެސްޓިކަށް ވެސް ނުތެމި ދެވޭނެ ވޯކްވޭހެއް ލާނެ،" އާދިލް ވިދާޅުވި އެވެ.