- ޓާމިނަލްއަށް 300-350 މިލިއަން ޑޮލަރު
- ބައެއް އިމާރާތްތައް ބަދަލު ކުރުން މިހާރު ނިމެނީ
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު އަންނަ މަހު އިފުތިތާހު ކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އައިއެންއައިއޭގައި އާ ވޯކްވޭއެއް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އަންނަ މަހުގެ ހަވަނަ ދުވަހު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރަން ހަމަޖައްސާފައިވާ ކަމަށެވެ.
"މި ޕްރޮޖެކްޓަށް ބަލާއިރު ރަންވޭ އާއި ކާގޯ އަދި ފިއުލް ފާމްގެ ލޯން އެގްރީމެންޓް ވެސް އެއިނީ ފައިނަލްކޮށް އެގްރީމެންޓް ކުރެވިފައި،" އާދިލް ވިދާޅުވި އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމުގެ ގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން އާ ޓާމިނަލް ހަދާ ސަރަހައްދުގައި ހުރި ބައެއް އިމާރާތްތައް ބަދަލު ކުރުމުގެ މަސައްކަތްތައްވެސް ވަނީ ނިމުމާ ގާތް ވެފަ އެވެ. މި މަސައްކަތުގެ ދަށުން 13 އިމާރާތެއް ބަދަލު ކުރަމުންދެ އެވެ.
އައިއެންއައިއޭގައި ހަދާ އާ އިންޓަނޭޝަނަލް ޓާމިނަލް އަޅަނީ މިހާރު ހުރި އިންޓަނޭޝަނަލް ޓާމިނަލްއާ އިން ވެގެންނެވެ. މި ބަދަލާއެކު މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލު ވެގެންދާނީ ޑޮމެސްޓިކް ޓާމިނަލްއަކަށް ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އާދިލް ވިދާޅުވީ މި މަޝްރޫއު ރަސްމީކޮށް ފެށިގެންދާއިރު، އަމަލީ މަސައްކަތްވެސް އަންނަ މަހު ފަށާނެ ކަމަށެވެ.
"ފެލިސިޓީތައް ގާއިމް ކުރުމާއި މަސައްކަތް އަންނަ މަހު ފެށިގެންދާނެ،" އާދިލް ވިދާޅުވި އެވެ.
އައިއެންއައިއޭ ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ހަދާ އާ ޓާމިނަލްއަކީ ގާތްގަނޑަކަށް 300-350 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.