ސީރިއާގެ ދިމިޝްގު އެއާޕޯޓަށް ބައިނަލްއަގުވާމީ ދަތުރުތައް އަންނަ އަންގާރަ ދުވަހު ފަށާނެ ކަމަށް އެ ގައުމުގެ ސިވިލް އޭވިއޭޝަން އެންޑް އެއާ ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
ސިވިލް އޭވިއޭޝަން ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި އަޝަދު ސުލައިބީއާ ހަވާލާދީ ސީރިއަން ނިއުސް އެޖެންސީން ބުނި ގޮތުން، ބައިނަލްއަގްވާމީ ދަތުރުތަކާއި ޑޮމެސްޓިކް ދަތުތައް ހަމަ އެ ދުވަހު ފަށާނެ އެވެ.
ދަތުރުތައް ފުރަތަމަ ފަށާނީ، އަޝަދު ވިދާޅުވި ގޮތުން ސީރިއާގެ ވެރިރަށް އަދި އެންމެ ބޮޑު ދެ ސިޓީ ކަމަށްވާ ދިމްޝްގަށާއި ހަލަބަށެވެ.
ސީރިއާގައި ވައިގެ ދަތުރުފަތުރު ބައިނަލްއަގްވާމީ ފެންވަރުގައި މި ފަށަނީ ދަތުރުތައް މެދުކަނޑާލާފައި އޮންނަތާ ދަހަރު (ދިހަ އަހަރު) ފަހުންނެވެ.
ސީރިއާގެ ވެރިރަށް ދިމިޝްގަށް ބައިނަލްއަގްވާމީ ދަތުރުތައް މަޝްހޫރު އެއާލައިންތަކުން މެދުކަނޑާލީ 2012 ވަނަ އަހަރު އެވެ. އެއީ 2011 ވަނަ އަހަރު ސީރިއާގައި އާންމުން ފާޅުކުރަން ފެށި ޝުއޫރުތަކާ ދެކޮޅަށް އަސަދުގެ ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުންނެވެ.
ބޭނުންކުރަން މަނާ ހަތިޔާރުން އާންމު ރައްޔހިތުންނަށް ހަމަލާދިނުމާއި އާންމު އެއްވުންތަކަށް ވައިޓް ފޮސްފަރަސްއިން ހަމަލާދިނުން ފަދަ އަސަދު ސަރުކާރުން ހިންގި ނުރައްކާތެރި އަލަމުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ދަތުރުތައް ކުރާނެ އެއާލައިނެއް ނުވީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސީރިއާއަށް އެންމެ ފުރަތަމަ ކޮމާޝަލް ދަތުރުތައް މި ފަހަރު ފަށާނީ ގަތަރުން -- ގަތަރު އެއާވޭސްއިންނެވެ.
ސީރިއާގައި 25 އަހަރު ވަންދެން ވެރިކަންކުރެއްވި ބައްޝާރުލް އަސަދު ވެރިކަމުން ދުރުކޮށް، ހައިއަތު ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިން މިހާރު ވަނީ ސީރިއާގައި ވަގުތީ ސަރުކާރެއް އެކުލަވާލާފަ އެވެ.
ސަރުކާރު ހިންގުމަށް ބޮޑުވަޒީރަކު ހަމަޖައްސާފައި ވާއިރު،، ސީރިއާގެ ލީޑަރަކީ ހަނގުރާމަވެރިންގެ ވެސް ލީޑަރު -- އަހުމަދު ޝަރާއު އެވެ.