މަތިންދާބޯޓުގައި ދަތުރުކުރާއިރު ފަސިންޖަރުންގެ ސްމާޓްފޯނު އެއާޕްލޭން މޯޑަށް ލާން އެއާހޮސްޓެސް އަންގަ އެވެ. އެއީ ކީއްވެގެން އަންގާ އެންގުމެއް ކަން އެނގޭ ހެއްޔެވެ؟ އެގޮތަށް އަމަލުނުކުރިޔަސް ނުރައްކަލެއް ދިމާވެދާނެ ކަމަށް އެއްބަޔަކު ގަބޫލެއް ނުކުރެ އެވެ.
ވީމާ މިކަމުގެ ހަގީގަތަކީ ކޮބައިތޯ ބަލައިލަން ހިނގާށެވެ. ޓިކްޓޮކްގައި PerchPoint@ގެ ނަމުގައި މަޝްހޫރު ޕައިލެޓެއް މިކަމުގެ އަސްލު ސަބަބު ބަޔާންކޮށްދީފައިވެ އެވެ.
އޭނާ ފާހަގަކޮށްފައިވަނީ މޯބައިލް ފޯނުތަކުން ޕައިލެޓުންގެ ހެޑްސެޓްތަކަށް އަސަރުކުރާ ކަމަށެވެ. އޭގެ ސަބަބުން ޕައިލެޓާއި ޓަވަރާ ދެމެދު ހިނގާ މުއާމަލާތަށް ހުރަސްއެޅޭ ކަމެވެ.
ޕައިލެޓް ބުނާ ގޮތުގައި އެއާޕްލޭން މޯޑަށް ނުލާ ހުންނަ ސްމާޓްފޯނުތަކުން ފްލައިޓް ކުރޫގެ މުވާސަލާތީ ހެޑްސެޓްތަކުގައި "ބަޒް އަޑެއް" އިވެ އެވެ. މިފަދަ އިތުރު އަޑުތަކުން ނުވަތަ އިންޓަފިއަރަންސްތަކުން ޕައިލެޓުން ގްރައުންޑް ކޮންޓްރޯލާ ނުވަތަ އެއާޕޯޓް ޓަވަރާ މުވާސަލާތުކޮށް ދަތުރުގެ ދިމާތަކާއި ކޯޑިނޭޓްތައް ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެ އެވެ. ނަމަވެސް ފަސިންޖަރުންގެ ފޯނުތައް އެއާޕްލޭން މޯޑަށް ނުލުމުގެ ސަބަބުން މިހާތަނަށް އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާކަން އޭނާ ފާހަގަކުރި އެވެ.
ޕާޗްޕޮއިންޓަކީ 2019 އިން ފެށިގެން ޕްރޮފެޝަނަލް އުދުހުންތެރިޔެއްގެ ގޮތުގައި އަދި 2021 އިން ފެށިގެން ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. މި ޕައިލެޓް ހިއްސާކޮށްފައިވާ ގޮތުގައި ފޯންތައް ފްލައިޓް މޯޑަށް ނުލިޔަސް މަތިންދާބޯޓުގެ މުވާސަލާތީ ނިޒާމަށް އަސަރެއް ނުކުރި ކަމުގައިވިޔަސް، މޯބައިލް ސިގްނަލްތަކުން އުފެދޭ އުނދަގޫތަކާ ގުޅިގެން މުހިންމު މުވާސަލާތުތައް ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ އެވެ.
އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އާއި ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މިފަދަ ނުރައްކަލެއް ވިޔަނުދިނުމަށްޓަކައި މަތިންދާބޯޓުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާކުރުމުގެ ގަވާއިދު ތަންފީޒު ކުރަމުން ގެންދެ އެވެ.
ޕައިލެޓް އިތުރަށް ސާފުކޮށްދީފައިވާ ގޮތުގައި އިންޓަފިއަރެންސް އުފެދުމުގެ ފުރުސަތު އޮންނަނީ ގިނަ ކަންތައްތަކެއްގެ މައްޗަށް ބިނާވެގެންނެވެ. މީގެ ތެރޭގައި މޯބައިލްފޯނުގެ ހިދުމަތްދޭ ފަރާތް، މަތިންދާބޯޓު އޮތް ތަން އަދި މޯބައިލް ފޯނު ކޮކްޕިޓާ ކައިރި މިންވަރު ހިމެނެ އެވެ. އެއާޕްލޭން މޯޑަށް ނުލާ އޮތް މޯބައިލް ފޯނު ބޭނުންކުރަމުންދާ ފަސިންޖަރު ކޮކްޕިޓާ ކައިރިވާ ވަރަކަށް މުވާސަލާތީ ސިސްޓަމްތަކަށް އިންޓަފިއަރެންސް އެރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.
ވިޒް އެއާގެ ކޮމިއުނިކޭޝަންސްގެ ވެރިޔާ ތަމާރާ ވަލޯއާ ވިދާޅުވާ ގޮތުގައި މޯބައިލް ވަސީލަތްތައް ސެލިއުލަ ޓަވަރުތަކުގެ ސިގްނަލް ނުލިބޭ ހިސާބުގައި ވިޔަސް، ޓަވަރަކާ ގުޅުމެއް ހޯދުމަށް މަސައްކަތްކުރަން ސިގްނަލްތައް ފޮނުވަމުންދެ އެވެ. އެއާޕްލޭން މޯޑް އެކްޓިވޭޓް ކުރުމުން ސެލިއުލަ ސިގްނަލްތައް ހުއްޓާލެވި، މަތިންދާބޯޓުގެ މުވާސަލާތީ ނިޒާމަށް އެއްވެސް އިންޓަފިއަރެންސެއް ނުހިނގާކަން ކަށަވަރުކުރެވެ އެވެ.
ފަހަކަށް އައިސް ވަޔަލެސް އިންޓަފިއަރެންސްއާ ގުޅޭ ކަންބޮޑުވުންތައް އިތުރުވެފައިވަނީ 5ޖީ ޓެކްނޮލޮޖީ ތައާރަފުވުމާ ގުޅިގެންނެވެ. މި ޓެކްނޮލޮޖީ މަސައްކަތްކުރަނީ ވައިގެ ދަތުރުފަތުރުގެ ނެވިގޭޝަން ނިޒާމުގައި ބޭނުންކުރާ ފްރީކުއެންސީތަކާ ގާތް ފްރީކުއެންސީތަކެއް ގައެވެ.
މިކަން ހާއްސަކޮށް ވައިގެ ބަނދަރުތަކާ ކައިރި ސަރަހައްދުތަކުގައި ފާހަގަކުރެވެ އެވެ. މިކަމުގެ ސަބަބުން، ޕައިލެޓުންނަށް މަތިންދާބޯޓު ބިމަށް ޖައްސާއިރު އެހީތެރިވެދޭ މުހިއްމު އާލާތްތަކަށް ކޮށްފާނެ އަސަރަކާ ގުޅޭގޮތުން ސުވާލުތައް އުފެދިފައިވެ އެވެ.
އިނގިރޭސިވިލާތުގެ ފްލައިޓް ސޭފްޓީ ކޮމިޓީގެ ޗީފް އެގްޒެކެޓިވް ޑާއި ވިޓިންގްހަމް ފާހަގަކުރައްވާފައިވާ ގޮތުގައި، އެއާޕްލޭން މޯޑްގެ މުހިއްމުކަން އެންމެ ފުރަތަމަ ދެނެގަނެފައިވަނީ މޯބައިލް ވަސީލަތްތަކުގެ އިންޓަފިއަރެންސްއާ ގުޅޭގޮތުން އެނގިފައި އޮތް މަދު މައުލޫމާތުތަކެއްގެ މައްޗަށެވެ.
މިކަމުގެ ނުރައްކާތެރިކަން ކުޑަކަމުގައި ފާހަގަކުރެވިފައިވީ ނަމަވެސް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ދަތުރުގެ ތެރޭގައި ހުރިހާ ވަޔަލެސް ވަސީލަތްތަކެއްވެސް އެއާޕްލޭން މޯޑަށް ބަދަލުކުރުމަށް އިރުޝާދު ދެމުން ގެންދެ އެވެ. ވީމާ، އަމިއްލައަށް ގޮތް ނިންމުމުގެ ބަދަލުގައި ހުރިހާ ބޭފުޅުންވެސް މަތިންދާބޯޓު ދަތުރުމަތީގައި ދެވޭ އިރުޝާދުތައް އަޑުއައްސަވާ އަމަލުކުރަށްވާށެވެ.