އެފްއޭއެމުގެ އަސާސީ ގަވާއިދު ފާސްކޮށް އިންތިހާބު ބާއްވަން ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަންކަމަށް ބައްސާމް އަދީލް ޖަލީލް ހަމަޖައްސައިފި އެވެ.
މިހާތަނަށް ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ބައްސާމަށް ފީފާއިން ކޮމިޓީގެ ޗެއާމަންކަން މިދިނީ ޗެއާމަންކަން ކަމުގަ އާއި ނޯމަލައިޒޭޝަން ކޮމިޓީގައި ވެސް ނުހުންނެވުމަށް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ނިންމެވުމުންނެވެ.
ކޮމިޓީގެ ވައިސް ޗެއާމަނަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބެވެ. މި ކޮމިޓީގައި ދެން ތިއްބަވަނީ އަލީ އުމަރާއި، މުހައްމަދު ޖައުޝަން އާއި ނަސްމާ ނިޔާޒް އެވެ.
ފީފާއިން މިހާރު ނިންމާފައިވަނީ އަންނަ މޭ މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެފްއޭއެމުގެ އިންތިހާބު ނުބޭއްވިއްޖެނަމަ އެދުވަހުން ފެށިގެން އޮޓެމެޓިކުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ރާއްޖެ ސަސްޕެންޑްކުރާ ގޮތަށެވެ.
ކުރިއަށް އޮތް 70 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އެފްއޭއެމުން މަސައްކްތަކުރަންޖެހިފައިވާއިރު މިހާތަނަށް އިންތިހާބު ނުބޭއްވިފައިވަނީ ޔޫތު މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން އެއްބާރުލުން ނުދީގެންނެވެ.
އެފްއޭއެމުގެ އިންތިހާބު ނުބޭއްވި ތިން ފަހަރަކަށް ވަނީ ފަސްވެފަ އެވެ. އަދި އެންމެ ފަހުން ފާސްކުރި އަސާސީ ގަވާއިދުގައި ފީފާގެ ރިފޯމް އެޖެންޑާއަ ހިލާފު ކަންތައްތަކެއް ހުރުމުން ފީފާއިން ވަނީ އެ ގަވާއިދު ބަލައިނުގެންފަ އެވެ. ސަބަބަކީ އަންހެން މެމްބަރަކަށް ފުރުސަތު ނެތުމާއ އިންޓަރެސްޓް ގްރޫޕްތަކަށް ވޯޓުލުމުގެ ފުރުސަތުނުދީ ފުރަތަމަ ޑިވިޝަނުގެ އަށް ކުލަބަށް ދެ ވޯޓު ލެވޭގޮތަށް ހަމަޖެއްސުމުންނެވެ. އިންޓަރެސްޓް ގްރޫޕްތަކުގެ ގޮތުގައި ފީފާއިން ބަލާފައިވަނީ ފުޓްސަލް އާއި ރެފްރީޒް އެސޯސިއޭޝަން ފަދަ އެސޯސިއޭޝަންތަކާއި މިނިވަން50ގެ މުބާރާތުގައި ވާދަކުރި ޓީމުތަކަށެވެ.