ރާއްޖޭގައި ދިރިއުޅޭ އެހެން ނަސްލުތަކުގެ މީހުންނާ މެދު ތަފާތުކޮށް އެފަރާތްތަކުގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުރާ ކަންކަން ދުވަހުން ދުވަހަށް ރާއްޖޭގައި އިތުރުވަމުންދާ ކަމަށް އެޗްއާރްސީއެމުން އިން ބުނެފި އެވެ.
ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ދުވަހާ ހުޅުވައި އެ ކޮމިޝަނުން ނެރުނު ބަތާނެއްގައި ބުނަނީ ދިވެހިންނަކީ އެއް ނަސްލަކަށް ނިސްބަތްވާ ބައެއް ނަމަވެސް މުޖުތަމަޢުގައި ހުރި ތަފާތުތަކުގެ މައްޗަށް ބިނާކޮށް މީހުންގެ މެދުގައި ތަފާތުކުރުން މަދުންނަމަވެސް ދިމާވާ ކަމަށާއި ނިސްބަތްވާ ރަށާއި ބަހުރުވަ އާއި ސިޔާސީ ވިސްނުމާއި ދީނީ ހިޔާލުތަފާތުވުން ފަދަ ކަންތައްތަކުގެ މައްޗަށް ބަލާ މީހުންގެ މެދުގައި ތަފާތުކުރުމުގެ ސަބަބުން، ކުރިމަގުގައި މުޖުތަމައަށް ނޭދެވޭ ގިނަ އަސަރުކުރާނެ ކަމަށެވެ. އަދި އެ ބަޔާނުގައި ބުނަނީ ރާއްޖޭގައި ދިރިއުޅޭ އެހެން ނަސްލުތަކުގެ މީހުންނާ މެދު ތަފާތުކުރެވި، އެފަރާތްތަކުގެ އިންސާނީ ހައްގުތަކާއި ކަރާމާތަށް އުނިކަން އަންނަ ގޮތަށް ކުރެވޭ ކަންކަން ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ.
އެޗްއާރްސީއެމުން ބުނީ ރާއްޖޭގެ ގާނޫނުއަސާސީން ހައްގުތަކާއި މިނިވަންކަން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު ރާއްޖޭގައި ހިންގާ ނަސްލީ ތަފާތުކުރުމުގެ އަމަލުތައް ހުއްޓުވުމަށް ހިއުމަން ޓްރެފިކިން ހުއްޓުވުމުގެ ޤާނޫނު ފުރިހަމަ މާނާގައި ތަންފީޒުކުރަން ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާ ކަމަށާއި ހިއުމަން ޓްރެފިކިންގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ހައްގު ގެއްލޭ ފަރާތްތަކަށް އިންސާފު ލިބޭނެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރާ ކަމަށެވެ.
"... ބިދޭސީ މަސައްކަތްތެރިންނާއި އެފަރާތްތަކުގެ އާއިލާ މެންބަރުންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ދިވެހިރާއްޖޭން ބައިވެރިވުން އަވަސް ކުރުމަކީ ވެސް ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ކުރެވޭ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަކަށްވާތީ މި މުއާހަދާގައި ބައިވެރިވުމަށްވެސް މިފުރުސަތުގައި ދައުލަތަށް ގޮވާލަމެވެ،"
މީގެ އިތުރުން އެއްވެސް ފަރާތަކަށް ރައްދުވާ ގޮތަށް ދަށުދަރަޖައިގެ ބަސްތައް ބޭނުންކޮށް އިހާނެތި އަމަލުތައް ނުހިންގާ އެންމެންނަށްވެސް އިޙްތިރާމާއި ގަދަރު ކުރާ މުޖުތަމަޢުއަކަށް ހެދުމަށް މަސައްކަތްކުރަން އިލްތިމާސްކޮށްފައިވާއިރު ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކޮށް މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.
އެޗްއާރްސީއެމުން ބުނީ ބިދޭސީ މަސައްކަތްތެރިންނާ މެދު ހިންގޭ އިހާނެތި އަމަލުތަކުގެ ތެރޭގައި އޮޅުވާލައިގެން މަސައްކަތް ކުރުވުމާ، މުސާރަ ނުދިނުމާ، ޕާސްޕޯޓު ފަދަ އަމިއްލަ ލިޔެ ކިއުން ހިފެހެއްޓުން ހިމެނޭ ކަމަށް އދ. ގެ ޔުނިވާރސަލް ޕީރިއޯޑިކް ރިވިއުއަށް އެ ކޮމިޝަނުން 2014 ވަނަ އަހަރު ހުށަހަޅާފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށާއި އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ފަދަ ހާލަތްތަކުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭކަންވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.
"ސާފު ފެން ނުލިބި، ފާޚާނާ ކުރެވޭނެ އެކަށީގެންވާ ނިޒާމެއް ނެތް، ތޮއްޖެހިފައިވާ ތަންތަނުގައި ބިދޭސީން ގެންގުޅުން ހިމެނެއެވެ. ބިދޭސީ މަސައްކަތްތެރިންނަކީ ދަށް ބައެއްގެ ގޮތުގައި މުޖުތަމަޢު ދެކޭ ކަމާއި އެފަރާތްތަކާ މެދު ލާއިންސާނީ ޢަމަލުތައް ހިންގާކަން ފާހަގަކޮށްފައިވާނެއެވެ. އަދި މިފަދަ މައްސަލަތައް ތަހައްމަލުކުރާ ފަރާތްތައް ޑިޕޯޓުކޮށްފާނެކަމުގެ ބިރަށްޓަކާ އެފަރާތްތަކަށް ދިމާވާ މައްސަލަތަކުގައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ދާން ބިރުގަންނަކަންވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވާނެއެވެ،" ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ނަސްލީ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ދުވަހަސް ފާހަގަ ކުރަނީ މީހާ ނިސްބަތްވާ ނަސްލާއި ކުލަ އާއި ދަރިކޮޅު އަދި ޤައުމަށް ބިނާކޮށް ތަފާތުކުރުމާއި، އެކަހެރި ކުރުމާއި، ކަންކަން މަނާ ކުރުމާ ދެކޮޅަށް މަސައްކަތްކޮށް އެފަދަ ތަފާތުކުރުންތައް ނައްތާލުމަށެވެ.
ނަސްލީ ތަފާތު ކުރުން ނައްތާލުމުގެ ގޮތުން ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ޑާބަން ގަރާރު އަދި އެކްޝަން ޕްލޭންގެ ކާމިޔާބީތަކާ ގޮންޖެހުންތައް– 15 އަހަރަށް ފަހު" މިއެވެ. ނަސްލީ ތަފާތުކުރުން ނައްތާލުމަށްޓަކައި 2001 ވަނަ އަހަރު އެކުލަވާލެވުނު ޑާބަން ގަރާރުގައި ނަސްލީ ތަފާތުކުރުން ނައްތާލުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން އެއްބަސްވެފައިވެއެވެ.