ވިނަރެސް ފްލެޓެއް ގަތުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބް ގޯހެއް ހަދާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ހެޑް އޮފް އިކޮނޮމިކް ކްރައިމްގެ މަގާމު އަދާކުރައްވަމުން ގެންދެވި ރަޖުނީ ޝުއައިބް، އުސޫލާ ހިލާފަށް ވިނަރެސްގެ ފްލެޓެއް ހޯދި ކަމަށް ބުނެ ފެތުރި މައުލޫމާތުތަކާ ގުޅިގެން ފުލުހުން އެ މައްސަލަ ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
މިމައްސަލަ ބަލާތީ ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުން ރަޖުނީ ވަގުތީ ގޮތުން ދުރުކުރި އެވެ. މައްސަލަ ބެލުމަށްފަހު އަލުން އެ ޒިންމާ ހަވާލުކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.
ރަޖުނީގެ ފްލެޓެއްގެ މައްސަލަ ފެންމަތިވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކު ގޯތި ލިބުނު ކަމަށް ހަދައިގެން ލިޔުންތަކެއް އުފެއްދި މައްސަލައިގައި ފުލުހުންގެ އިދާރާ އިން ޖިނާއީ ބޮޑު ތަހުގީގެއް ފެށުމާ އެކު އެވެ.
ރަޖުނީގެ މައްސަލަ ފެންމަތިވުމާ އެކު އޭނާ އޭރު އަދާކުރައްވަމުން ގެންދެވި އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުން ވަގުތީ ގޮތުން ދުރުކުރީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ނުވަތަ އިތުބާރު ހިފެހެއްޓުމަށް ކަމަށް ފުލުހުން އޭރު ބުނެފައިވެ އެވެ.
"[މިއީ] އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެކެވެ،" ފުލުހުން އޭރު ބުނެފައިވެ އެވެ.
ވިނަރެސް ޓަވަރުތަކުގައި ހުރި ފްލެޓްތަކުގެ ތެރެއިން ފްލެޓެއް ރަޖުނީ ގަނެފައިވާ ކަމަށް ސޯޝަލްމީޑިއާގައި ތިލަކުރީ "ހަސަންކުރުސީ"ގެ ނަމުގައި ހިންގާ އެކްސް އެކައުންޓް ގައެވެ.
އަވަސްއަށް އެނގިފައިވާ ގޮތުގައި ރަޖުނީ ވަނީ ހުޅުމާލޭގައި ހުންނަ ޕޮލްކޯ ފްލެޓްތަކުގެ ތެރެއިން ވެސް ފްލެޓެއް ހޯދާފަ އެވެ.
ރަޖުނީ ތިން މިލިއަނެއްހާ ރުފިޔާއަށް ފްލެޓް ގަނެފައިވާތީ އެއީ އޭނާ ކިހިނެއް ހޯދި ފައިސާއެއްތޯ އާންމުން ގެންދަނީ ސުވާލު އުފައްދަމުންނެވެ.
އަވަސްއަށް އެކި ފަރާތްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ވިނަރެސް ޓަވަރުގައި އެހެން ބައެއް ފުލުހުންވެސް ފްލެޓް ގަނެގެން ދިރިއުޅެ އެވެ.