ރާއްޖޭގެ ދަނޑުވެރިންނަށް ކުރިއަށް އޮތީ އުފާފާގަތިކަން ދުވަސްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގއ. ނިލަންދޫއަށް މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ދަނޑުވެރިކަމުގެ ސިނާއަތުގެ ހިންގުން ހަރުދަނާކުރުން ކަމަށެވެ.
"މިމަސައްކަތުގެ ތެރެއިން ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް މިހާރުވެސް ސަރުކާރުން ފަށައި، އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ދަނޑުވެރިކަމަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ބަލާއިރު ވަރަށް ބޮޑަށް ސަމާލުކަންދޭ ދާއިރާއެއް ކަމަށެވެ. އެހެންކަމުން ނިލަންދޫގެ ދަނޑުވެރިންނާއި، ޖުމުލަކޮށް ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރި އުފެއްދުންތަކުން ނަފާ ހޯދޭނެ ކަމުގައި ވިދާޅުވި އެވެ.
އެރަށެއްގެ އާބާދީއަށް އެކަށީގެންވާ ފެންވަރެއްގައި ހިދުމަތް ދެވޭ ތަނަކަށް އެރަށެއްގެ ސިއްހީ މަރުކަޒު ހެދުމުގެ ސިޔާސަތުގެ ދަށުން، ނިލަންދޫ ގައިވެސް ސިއްހީ ހިދުމަތްތައް ފުޅާކޮށްދެއްވާނޭކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ދެއްވި އެވެ.
ނިލަންދޫގެ ބަނދަރުގެ މައްސަލައިގައިވެސް، ރައްޔިތުން އުއްމީދުކުރާ ފަދަ ހައްލެއް ހޯދައިދޭނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި ފެނާއި ނަރުދަމާގެ މައްސަލަ ހުއްޓިފައި އޮތް އޮތުންވެސް ނިމުމަކަށް ގެންނަވާނެ ކަމުގައި ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މުއިއްޒު ވަނީ ނިލަންދޫ ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ތަރައްގީ ކޮށްދެއްވާނޭ ކަމަށް ވިދާޅުވެ، ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އެ ވައުދު ފުއްދަވާނެ ކަމުގައި ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ނިލަންދޫގެ ތަރައްގީއަށް ކުރަން ހުރި ކަންތައްތަކަށް ސަމާލުކަން ދެއްވައިގެން ރައްޔިތުންގެ އުއްމީދުތަކުގައި ހަގީގީ ކުލަ ޖައްސައިދެއްވާނެ ކަމަށެވެ.