މާލެއަށް މިމަހުގެ ތިންވަނަ ދުވަހު ކުރި ވިއްސާރައިގައި ގޭގެއަށް ލިބުނު ގެއްލުން 2.2 މިލިއަން ރުފިޔާއަށް އަރާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފި އެވެ.
އެންޑީއެމްއޭ އިން މިއަދު ބުނީ އެ ގެއްލުމަކީ ހަމައެކަނި މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން ކަމަށާއި މީގެ ތެރޭގައި ވިޔަފާރިތަކާއި ގުދަންތަކަށް ލިބުނު ގެއްލުން ނުހިމެނޭ ކަމަށެވެ.
އެ ދުވަހު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެގެން އެކިއެކި އެހީތެރިކަމަށް އެދި 740 އަށްވުރެ ގިނަ ތަނަކުން ރިޕޯޓްކުރި ކަމަށާއި މީގެ ތެރޭގައި ގޭގެއާއި ވިޔަފާރިތަކާއި ސްކޫލުތަކުގެ އިތުރުން ގުދަންތައް ހިމެނޭ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
އެންޑީއެމްއޭ އިން ބުނީ މިމަހުގެ ތިން ވަނަ ދުވަހުގެ ރޭ ކައްކައި ކައިބޮއި ހެދުމަށާއި ނިދުމަށް އަދި ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅިގެން ރިޕޯޓްކުރި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހަދައި އާންމު ދިރިއުޅުމަށް ދަތިވި 27 ގޭބިސީއެއްގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ދެ ދުވަހުގެ މުއްދަތައް ފޯރުކޮށްދެވުނު ކަމަށެވެ.
އެ ދުވަހު ކުރި ވިއްސާރައިގައި ފެންބޮޑުވުމާއި ގުޅިގެން ހިފާގެންގުޅޭ ތަކެއްޗާއި އިމާރާތްތަކަށް އެކިވަރުގެ ގެއްލުން ލިބިގެން ޑެމޭޖް އެސެސްމަންޓް ހަދަން ޖެހޭ ކަމަށް މާލެއިން 145 ގޭބިސީއެއް ފާހަގަކުރެވުނު ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
އެ ދުވަހު ރ. އިނގުރައިދޫ އާއި ށ. ނަރުދޫއަށް އުދަ އަރައިގެން ރިޕޯޓްކުރިއިރު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އަށް ރަށަކުން ރިޕޯޓްކުރި ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ.
ފެން ބޮޑުވެގެން ރިޕޯޓްކުރި ރަށްތައް
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ދ. މީދޫ
- ފ. މަގޫދޫ
- އދ. މާމިގިލި
- ކ. ގުރައިދޫ
- ފ. ފީއަލި
- ކ. ހިންމަފުށި
އެންޑީއެމްއޭ އިން ބުނި ގޮތުގައި މީގެ ތެރެއިން ހަތަރު ރަށެއްގެ 73 ގެއަކަށް އެކިވަރުގެ ގެއްލުންވެގެން އެސެސްމަންޓް ފޯމް ހުށަހަޅާފައިވެ އެވެ.
އެންޑީއެމްއޭ އިން ބުނީ އަތޮޅުތަކުގެ ރަށްރަށުގެ މީހުން ދިރިއުޅޭ ގެތަކަށް ލިބުނު ގެއްލުން އަށް ލައްކަ ރުފިޔާއަށް އަރާ ކަމަށާއި މީގެ ތެރޭގައި ދަނޑު ބިންތަކާއި ވިޔަފާރިތައް އަދި ގުދަންތަކަށް ލިބުނު ގެއްލުން ނުހިމެނޭ ކަމަށެވެ.