ޕްރިމިއާ ލީގް

ލިވަޕޫލް އާއި ނޮޓިންހަމް ފޮރެސްޓްގެ މެޗު ނިމުނީ އެއްވަރުވެގެން

ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ދެވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓްއާ ދެމެދު ކުޅުނު މެޗު 1-1 އިން ނިމިގެން ގޮސްފި އެވެ.

ނޮޓިންހަމް ފޮރެސްޓްގެ ދަ ސިޓީ ގްރައުންޑުގައި ކުޅުނު މި މެޗަށް 30,000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަދެފައިވެ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ނޮޓިންހަމް ފޮރެސްޓްގެ ކްރިސް ވުޑް އެވެ. މެޗުގެ އަށްވަނަ މިނިޓުގައި އޭނާ ޖެހި ލަނޑާއެކު ފޮރެސްޓް ކުރިއަށް ދިޔަ އެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޑިއެގޯ ޖޮޓާ ވަނީ އެ ޓީމަށް އެއްވަރު ކޮށްދީފަ އެވެ. ޖޮޓާގެ މި ލަނޑަކީ އޭނާ ކުޅެން އެރިތާ އެންމެ 22 ސިކުންތުގެ ތެރޭގައި ޖެހި ލަނޑެކެވެ.

މި މެޗުގައި ނޮޓިންހަމް ފޮރެސްޓްގެ ގޯލްކީޕަރު މެޓްސް ސެލްސް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ހުއްޓުވުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

މި މެޗާއެކު ލިވަޕޫލްގެ ޕޮއިންޓް 47 އަށް އަރާފައިވާއިރު، ނޮޓިންހަމް ފޮރެސްޓްގެ ޕޮއިންޓް ވަނީ 41 އަށް އަރާފަ އެވެ.

ފޮރެސްޓްގެ ޓީމުން ވަނީ ލިވަޕޫލްއަށް ވުރެ އެއް މެޗު އިތުރަށް ކުޅެފަ އެވެ. މިހާރު ކުރިއަށްދާ ސީޒަނުގައި ލިވަޕޫލް ބަލިވެފައިވާ ހަމައެކަނި މެޗަކީ ނޮޓިންހަމް ފޮރެސްޓްއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗެވެ.