ދުނިޔެ

އޮބާމާއި ކިއުބާގެ ރައީސް ކަސްޓްރޯ ބައްދަލުކުރައްވައިފި

އެމެރިކާގެ ރައީސް އޮބާމާ މިއަދު ކިއުބާއަށް ކުރެއްވި ދަތުރުގައި އެގައުމުގެ ރައީސް ރައޮލް ކަސްޓްރޯ އާއި ބައްދަލްކުރައްވައިފިއެވެ.

އޮބާމާ އަކީ އެމެރިކާއިން ކިއުބާއާއި ޑިޕްލޮމެޓިކް ރިލޭޝަންސް ކަނޑާލިތާ 88 އަހަރު ފަހުން ކިއުބާއަށް ޒިޔާރަތް ކުރެއްވި ފުރަތަމަ ރައީސްއެވެ. ރައީސް އޮބާމާ މިދަތުރު ސިފަ ކުރައްވާފައިވަނީ، ކިއުބާ ޑިމޮކްރަސީއަކާއި ދިމާލަށް ދަތުރު ފެށުމުގެ ފުރަތަމަ ފިޔަވަޅު އެޅުއްވުމުގެ ދަތުރެއްގެ ގޮތުގައެވެ.

އޮބާމާއާއި ކަސްޓްރޯ ވަނީ 'ޕެލެސް އޮފް ދި ރެވޮލިއުޝަން' ކުރިމަތީގައި ސަލާން ކުރައްވާފައެވެ. މިއީ އެމެރިކާގެ ރައީސްއާއި ކިއުބާގެ ރައީސް ވާހަކަފުޅު ދައްކަވަން ބައްދަލު ކުރައްވާ ތިންވަނަ ފަހަރެވެ. އޮބާމާ އުންމީދު ކުރައްވަނީ ކިއުބާގެ އޮތޯރިޓޭރިއަން ނިޒާމަށް ބަދަލު ގެނެސް، ރައްޔިތުންނަށް މިނިވަން ކަމާއި އެކު ހިޔާލު ފާޅުކޮށް، އަމިއްލަ ވެރިން ހޮވޭނެ ނިޒާމެއް ކިއުބާގައި ގާއިމު ކުރަން ކަމަށް އެމަނިކްފާނު ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އޭބީސީ ނިއުސް އާއި މުހާތަބް ކުރައްވަމުން ވިދާޅުވެފައިވަނީ ކިއުބާއަށް ބަދަލު ތަކެއް އަންނާނެ ކަމަށެވެ. އަދި މީގެ އިތުރުން މިކަން ރައީސް ރައުލް ކަސްޓްރޯ އަށް އެނގިވަޑައިންނަވާނެ ކަމަށް ވެސް އެމަނިކްފާނު ވިދާޅުވިއެވެ. އޮބާމާ ވިދާޅުވެފައިވަނީ ކިއުބާއަށް ބަދަލުތަކެއް ގެންނަން މަސައްކަތް ކުރައްވާނެ ކަމަށާއި ނަމަވެސް އެއީ އެއް ރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކްފާނު ވިދާޅުވިއެވެ.

އޮބާމާ އަދި ކަސްޓްރޯ ގެ ބައްދަލުވުމަށް ފަހު މީޑިޔާއަށް ސުވާލު ކުރުމުގެ ފުރުސަތު އަރުވާނެ ކަމެއް އަދިއެއް އެއްވެސް އޮފިޝަލަކު ކަށަވަރު ކޮށްދީފައެއް ނުވެޔެވެ.