އިޒުރޭލު ސިފައިން ޣައްޒާއަށް އަރައި ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓުވެން އޮތީ -- އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ކެމެރަން ވިދާޅުވި ގޮތުގައި -- ޣައްޒާގެ ވެރިކަމުން ހަމާސް ދުރުކޮށްގެންނެވެ.
ކެމެރަން ދެކެވަޑައިގަންނަވާ ގޮތުގައި ސުލްހައިގެ އެއްބަސްވުެމެއް ގާއިމުނުކުރެވިގެން ވެސް އުޅެނީ ހަމާސްއާ ހެދި އެވެ.
އިޒުރޭލުން މިހާރު ހުށަހަޅާފައި އޮތް ގޮތަށް ސުލްހައިގެ އެއްބަސްވުން ބަލައިގަތުމަށް މުޅި ދުނިޔެ ހަމާސްއަށް ޕްރެޝަރުކުރުމަށްވެސް ކެމެރަން ގޮވާލެއްވި އެވެ.
ހަމާސް އަކީ ޣައްޒާގައި ވެރިކަމެއް ކުރެވޭ ވަރުގެ ގާބިލު ބައެއް ނޫން ކަމަށާއި ޣައްޒާގެ އާންމު ރައްޔިތުންނަށް ލިބިފައި ހުރި ހުރިހާ ދެރައެއްގެ ފަހަތުގައި އޮތީ ހަމާސް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޑޭވިޑް ކެމެރަން ވިދާޅުވި ގޮތުގައި ހަމާސްއަށް މިހާރު ހުށަހަޅާފައި އޮތް ސުލްހައިގެ އެއްބަސްވުމުގައި އަސީރުން ދޫކޮށްލަން އޮންނާނީ ޝަރުތުކޮށްފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތެއްގައި ހަމާސް އިން އަސީރުކުރި ޔަހޫދީން ދޫކޮށްލައިފިނަމަ 40 ދުވަހަށް ހަމަލާތައް ހުއްޓާލައި އިޒުރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީން މީހުން ދޫކޮށްލުމަށް ނިންމާފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޒުގައި އޮތް ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ވިދާޅުވީ ހަމާސްއަށް މިހާރު ލިބިފައި އޮތް ވަރުގެ އިތުރު ފުރުސަތެއް ދެން ނުލިބިދާނެ ކަމަށެވެ.
ހަމާސްއަށް އޮތް ހަމައެކަނި އިހްތިޔާރަކީ އެއްބަސްވުން ގަބޫލުކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެ ނޫން ގޮތެއްގައި ޣައްޒާ ހަމަލާތައް ނުހުއްޓުވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ކެމަރަން ވިދާޅުވީ ޣައްޒާ އާންމު ހާލަތަށް ބަދަލުކުރުމަށް ހަމާސްގެ ބާރު ކަނޑުވާލަން ޖެހޭ ކަމަށެވެ. ހަނގުރާމަވެރި ޖަމާއަތެއް ޣައްޒާގައި ވެރިކަންކުރާހާ ހިނދަކު އެ ތަނުގެ ވަޒަންވެރިންނަށް ރައްކާތެރިކަން ކަށަވަރު ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ފަލަސްތީން މިނިވަންކުރުމަށްޓަކައި އެ ސަރަހައްދަކީ ހަނގުމާވެރި ޖަމާއަތްތަކުގެ ބިރު ނެތް ސަރަހައްދަކަށް ހަދަން ޖެހޭ ކަމަށްވެސް އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ވިދާޅުވި އެވެ.