ރާއްޖެ ކުޅިވަރު

އަންހެން ލީގެއް ނެތުމުން އިންޑިޔާގެ ގައުމީ ކީޕަރު ފުޓްސަލް ކުޅެން ރާއްޖެ ފޮނުވަނީ

އަންހެން ފުޓްބޯޅަ ލީގެއް އިންޑިޔާގައި ނެތުމުން އެގައުމުގެ ގައުމީ ޓީމުގެ ކީޕަރު އަދިތީ ޗައުހާން ކުލަބު މޯލްޑިވްސް ކަޕުގައި ކުޅުވަން ރާއްޖެ ފޮނުވަން އިންޑިޔާއިން ނިންމައިފި އެވެ.

އުމުރުން 23 އަހަރުގެ އަދިތީ ކުލަބު މޯލްޑިވްސް ކަޕުގައި ކުޅޭނީ ރާއްޖޭގެ އިމިގްރޭޝަން ޓީމަށް ކަމަށް ވެސް އިންޑިޔާ ފެޑަރޭޝަނުން ބުނެ އެވެ.

ސާފް ގޭމްސްގެ ފުޓްބޯޅަ ތަށި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އިންޑިޔާ އަށް ހޯދައިދިން އަދިތީ އަކީ އިނގިރޭސިވިލާތުގެ ވެންޓްހޭމަށް ކުޅެމުން އައި ކީޕަރެކެވެ. އޭނާ އިނގިރޭސި ވިލާތުގައި ކުޅެން ފެށީ ސްޕޯޓްސް މެނޭޖްމަންޓުން މަތީ ތައުލީމު ހާސިލްކުރަން އިނގިރޭސިވިލާތަށް ދިޔަ ފަހުންނެވެ. އިނގިރޭސި ލީގުގައި ކުޅުނު އޭޝިޔާގެ ފުރަތަމަ ކުޅުންތެރިޔާގެ ފަހުރު ހޯދާފައިވާ މި ކީޕަރު ވަނީ އޭޝިޔާގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. އޭނާ މި ވަގުތު އިންޑިޔާގައި ހުންނަންޖެހިފައިވަނީ ވިސާ ހަމަވެގެން އެނބުރި އިނގިރޭސިވިލާތަށް ދެވޭނެ ގޮތެއް ނެތުމުންނެވެ.

އިންޑިޔާ ފެޑަރޭޝަނުން އޭނާ ރާއްޖޭގައި ފުޓްސަލް ކުޅެން ފޮނުވަން ނިންމީ އިންޑިޔާގައި އޭނާ އަށް ވާދަވެރި މެޗުތައް ކުޅެވޭނެ ގޮތް ނެތުމުންނެވެ.

"އަހަރެން ބޭނުންވަނީ ފިޓްކޮށް ހުންނަން. ކުޅުމަކީ އެންމެ މުހިންމު ކަންތައް. އަހަންނަށް އެނގޭ އެއީ ފުޓްސަލްކަން. އެކަމަކު އަހަންނަށް މި ނޫން ގޮތެއްނެތް،" ރާއްޖެ އަންނަން ނިންމި ސަބަބުން ކިޔާދެމުން އަދިތީ ބުންޏެވެ.

މާދަމާ ފަށާ މުބާރާތުގައި އަދިތީ ގެނައުމަށް އިމިގްރޭޝަނުގެ އިތުރުން ރާއްޖޭގެ އެހެން ޓީމުތަކުން މަސައްކަތްކުރި ކަމަށްވެ އެވެ.

"އަހަރެން އޮންބޯޑްވީ މިއީ ހާއްސަ ކަމެއްގެ ގޮތުގައި ބަލަގެންވެސްމެ. އެންމެ މުހިންމު ކަމަކީ ވާދަކުރުން. އަހަރެން އުއްމީދު ކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހު އަހަންނަށް (ރާއްޖެއިން) އެ ފުރުސަތު ލިބޭނެ ކަމަށް،" އަދިތީ ބުންޏެވެ.