ރައްޔިތުންގެ މަޖިލިސް

ޕާޓްނާޝިޕް ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފި

ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލު އުސްމާނު ހުށަހެޅުއްވި ޕާޓްނާޝިޕްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކޮށްފި އެވެ.

އިގްތިސޯދީ ކޮމިޓީން ޕާޓްނާޝިޕް ގާނޫނަށް ގެނައި ބިލު ދިރާސާ ކުރުމަށް ފަހު މިއަދު އެ ބިލް ފާސްވެގެން ދިޔައީ 43 މެމްބަރުންގެ ވޯޓުންނެވެ. ބިލުބަލައި ގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ މެމްބަރަކު ވެސް އިންނެވި އެވެ.

ބިލު ހުށަހަޅަމުން ޖަމީލް އުސްމާނު ވިދާޅުވީ މި އިސްލާހުގެ ބޭނުމަކީ މިހާރު ޕާޓްނާޝިޕް ގާނޫނުގައިވާ ބައެއް މާއްދާތައް މަނާ ކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން ކަމަށެވެ. އެގޮތުން ޕާޓްނާޝިޕެއްގައި ބައިވެރިވެވޭނެ ފަރާތްތަކުގެ އަދަދު ކަނޑައެޅުމުގެ ފުރުސަތު ޕާޓްނާޝިޕެއްގައި ބައިވެރިވާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށާއި ލަމިޓެޑް ލައިބިލިޓީ ޕާޓްނާޝިޕްތަކަށް އިންވެސްޓްމަންޓު ފަންޑު އުފެއްދުމަށް މި ބިލުގެ ޒަރިއްޔާއިން މަގުފަހި ވެގެންދާނެ ކަމަށެވެ.

ޕާޓްނާޝިޕް ގާނޫނުގައި ކުރިން ބަޔާންކޮށްފައިވާ ގޮތުގައި ކުނފުންޏެއްގެ ޕާޓްނަރުންނަށް ތިބެވޭނީ 20 މީހުންނަށެވެ. ނަމަވެސް މި ބިލަށް ގެނައި އިސްލާހުގައި ވަނީ ޕާޓްނާޝިޕެއްގައި އެންމެ ގިނަވެގެން ހިމެނޭ މެމްބަރުންގެ އަދަދު ޕާޓްނާޝިޕްގެ އެއްބަސްވުމުގައި ބަޔާން ކުރެވޭނެ އެވެ.

މީގެ އިތުރުން ކޮންމެ ޕާޓްނާޝިޕް ކުންފުންޏެއްގައި މެނޭޖިން ޕާޓްނަރެއް ހުންނަން ވާނެ ކަމަށާއި އެ މީހަކީ އާމުގޮތެއްގައި ރާއްޖޭގައި ދިރިއުޅޭ ފަރާތަކަށް ވާންޖެހޭ ކަމަށް ބުނެފައި ވެއެވެ. އަދި ލިމިޓަޑް ލައިބިލިޓީ ޕާޓްނާޝިޕެއް ނަމަ، ދަރަންޏަށް ޒިންމާވުމާއި ގާނޫނީ ގޮތުން ކުރާ ހުރިހާ ކަމެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.