ހއ. ތަކަންދޫގައި ކަލްޗަރަލް ޓޫރިޒަމް ފުޅާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަކަންދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ އެމަނިކުފާނު ވިދާޅުވީ ތަކަންދޫއަކީ ތާރީހީ އަދި އާސާރީ ތަންތަން ގިނަ ރަށަކަށް ވާތީ ސަރުކާރުގެ ގައުމިއްޔަތު ތަރައްގީކުރުމުގެ ސިޔާސަތުގައި އެ ރަށަކީ މުހިއްމު ރަށަކަށް ވާނެ ކަމަށެެވެ.
"ޔުނިކް ކަމެއް ލިބިގެންވާ ވަރަށް މަދު ރަށްތަކުގެ ތެރެއިން ހިމެނިގެންވާ ރަށެއް މިއީ. ތާރީހީ މިފަދަ ތަންތަނަށް ބަޖެޓުން ހަރަދުކޮށް ހަގީގީ އައިޑެންޓިޓީ ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލަށް ރައްކާތެރިކޮށްދީ، ހިމާޔަތްކުރުމަކީ އަޅުގަނޑުގެ ސިޔާސަތެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތަކަންދޫގައި ހުރި ތާރީހީ އަދި ސަގާފީ ތަންތަން ހިމާޔަތް ކުރުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ނަފާ ހޯދޭނެ ގޮތްތައް ހޯއްދަވާނެ ކަމަށެވެ. ތަކަންދޫ އަކީ ކަލްޗްރަލް ޓޫރިޒަމަށް ތަރައްގީކުރަން ރަނގަޅު ރަށެއް ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ ތަކަންދޫގައި ހުރި އާސާރީ އަދި ތާރީހީ ތަންތަނަށް ޒިޔާރަތްކުރައްވާ އެތަންތަން ބައްލަވާލައްވާފަ އެވެ.
ތަކަންދޫގައި ހުރި އެންމެ މަޝްހޫރު އެއް ތަނަކީ ގާތްގަނޑަކަށް 400 އަހަރު ވެފައިވާ އަދި ހިރިގަލުގެ 1722 މަހާނަގާ ހުރި ގަބުރުސްތާނެވެ.