ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދޭން އެދިއްޖެ

ހއ. ހޯރަފުށި އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދިނުމަށް އެ ރަށު ކައުންސިލުން އެދިއްޖެ އެވެ.

ހޯރަފުށީ ކައުންސިލުން މިކަމަށް އެދުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހޯރަފުށީ ކައުންސިލާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.

ހޯރަފުށީ ކައުންސިލް އިދާރާގައި ރޭ ބޭއްވި މި ބައްދަލުވުމުގައި ހޯރަފުށީ ކައުންސިލުން ވަނީ ހޯރަފުށީ އެއާޕޯޓް ބައިނަލްއަގުވާމީ ކުރުމަށާއި ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް އެދިފަ އެވެ.

މި ބައްދަލުވުމުގައި ހޯރަފުށީ ކައުންސިލުން ވަނީ ރަށުގެ ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށް ދިނުމަށާއި ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްވެސް އެދިފަ އެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށުގެ ބިން ހިއްކުމަށާއި ރަށުގެ އިހުތިސާސްގައި ހުވަންދޫ ހިމަނައިދިނުމަށް ކައުންސިލުން ވަނީ އެދުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.