އަންހެނުންނަށް ނިސްބަތްކޮށް މެންބަރުން ދަށު ދަރަޖައިގެ ވާހަކަތައް މަޖިލީހުގައި މެންބަރުން ދެއްކެވުމުން މުޅި ރައްޔިތުން މަޖިލީހުގެ ނަން ބަދުނާމުވާ ކަމަށާއި މަޖިލީހުގެ މެމްބަރަކަށް ހުންނަވައިގެން އެއްވެސް މެންބަރަކު އެފަދަ ވާހަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.
އަންހެނުންނަށް ނިސްބަތްވާ ގޮތަށް ބައެއް މެމްބަރުން ދެއްކެވި ވާހަކަތައް ކުށްވެރި ކުރައްވާ މޫސަ މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ވިދާޅުވީ މަޖިލީހުގައި ޕާޓީތަކަށް ނިސްބަތްވާ ގޮތަށް ތިއްބެވި އަންހެން ފަސް މެމްބަރުންގެ އިތުރުން ވެސް މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ އަންހެން އެތައް މުވައްޒަފުން އުޅުއްވާ ކަމަށާއި މެންބަރުން މަޖިލީހުގައި ވާހަކަފުޅު ދައްކަވައިއިރު ހުރިހާ އަންހެނުންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.
"ދާދި ފަހުން މަޖިލީސް ތެރޭގައި އަންހެން ކަނބަލުންނާއި ބެހޭ ގޮތުން ދެކެވުނު ވާހަކަތަކާއި ގުޅޭގޮތުން ދިވެހި ރާއްޖޭގެ އެކި މުއައްސަސާތަކުން ކަނބޮޑުވުން ފާޅުކޮށްފައިވޭ. އަޅުގަނޑުމެން ވިސްނާލަން ޖެހޭ މަޖިލީހުގެ ތަޅުމުގައި ބައިވެރިވެވަޑައި ނުގެންނެވޭ އަންހެން ކަނބަލުންވެސް އެބަތިބި މި މަޖިލީހުގެ އެކި ދަރަޖަތާއި އެކި ދިމަދިމާގައި މަސައްކަތް ކުރައްވާ. އެހެންވެ ފިރިހެނުން ގޮތުގައި ތިބިގެން އެކަނބަލުންނަށް އެފަދަ އެއްޗެހި ކިޔުމުން މުޅި މަޖިލީހުގެ ނަން ބަދުނާމްވެގެންދާނެ،" މޫސަ ވިދާޅުވި އެވެ.
މަޖިލީހުގައި ތިއްބަވާ އަންހެން މެމްބަރުންނަށް އަމާޒުކޮށް ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތަކުގެ ސަބަބުން އެޗްއާރްސީއެމާއި އަންހެނުންގެ ހައްގުތަކާއި ބެހޭ ބައެއް ޖަމިއްޔާތަކުން ވަނީ މަޖިލީހުގެ މެމްބަރުންގެ އަހުލާގު ރަނގަޅު ކުރަން ޖެހޭ ކަމަށް ބުނެ ކަނބޮޑުވުން ފާޅުކޮށްފަ އެވެ.