ޒިކާ ވައިރަސް

ދެކުނު ކޮރެއާ މީހެއްގެ ގައިން ޒިކާ ވައިރަސް ފެނިއްޖެ

ދެކުނު ކޮރެއާގައި މީހެއްގެ ގައިން ޒިކާ ވައިރަސް ފެނިއްޖެ އެވެ. މިއީ އެ ގައުމުން ޒިކާ ވައިރަސް ފެނުނު ފުރަތަމަ މީހާ އެވެ. އެ މީހާ އަކީ މީގެ ކުޑަދުވަސް ކޮޅެއ ކުރިން ބްރެޒިލަށް ގޮސް އައިސްފައިވާ މީހެއް ކަމަށްވެ އެވެ.

ދެކުނު ކޮރެއާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނީ އުމުރުން 43 އަހަރުގެ އެ މީހާގެ ކޭސް ރިޕޯޓުކޮށްފައިވަނީ މިދިއަ އަންގާރަ ދުވަހު ކަމަށެވެ. އަދި މިހާރު އެމީހާއަށް ގުވާންޖޫ ސިޓީގައި ފަރުވާ ދެމުން އަންނަ ކަމަށްވެ އެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ މި ބަލި ވަނީ ހަލުވި ދުވެއްޔެއްގައި ބްރެޒިލް އަދި ދެކުނު އެމެރިކާގައި ފެތުރިފަ އެވެ. އަދި އޮސްޓްރޭލިއާ އާއި ކޮލަމްބިއާ އިންވެސް މި ވައިރަސް ވަނީ ފެނިފަ އެވެ.

ޒިކާ ވައިރަހަކީ އޭގެ ސަބަބުން ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ ސިކުނޑި ހެދި ބޮޑުވުމަށް ހުރަސް އަޅާ މައިކްރޯސެފަލީ ކިޔާ ބައްޔެއް ޖެހޭ ވައިރަހެކެވެ. މި ބައްޔަކީ މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައިނުވާ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ އަށް ހުން އައުމާއި ހަންގަނޑު ހަލާކުވެ ބިހި ފަދަ ތަކެތި ނެގުން ހިމެނެ އެވެ.

ޒިކާ ވައިރަސް އަދަޔާ ހިލާފަށް ބާރަށް ފެތުރެމުން ދިޔުމުގެ ސަބަބުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވަނީ މުޅި ދުނިޔެއަށް އާންމު ހެލްތް އެމަޖެންސީއެއް އިއުލާންކޮށް، އިތުރަށް ސަމާލުވުމަށް އަންގާފަ އެވެ.