ޒިކާ ވައިރަސް

ކޮލަމްބިއާގެ 3،100 އަށްވުރެ ގިނަ މާބަނޑު މީހުނަށް ޒިކާ ވައިރަސްގެ އަސަރުކޮށްފި

ކޮލަމްބިއާގައި 3،100 އަށްވުރެ ގިނަ މާބަނޑު މީހުންގެ ގައިގައިން ޒިކާ ވައިރަހުގެ އަސަރު ފެނިއްޖެ ކަމަށް އެ ގައުމުގެ ރައީސް މަނުއެލް ސަންޓޯސް ވިދާޅުވެއްޖެ އެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ މި ބަލި ކޮލަމްބިއާ އާއި ދެކުނު އެމެރިކާގެ ގައުމުތަކުގައި ދަނީ ފެތުރެމުންނެވެ.

ޒިކާ ވައިރަހަކީ އޭގެ ސަބަބުން ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ ސިކުނޑި ހެދި ބޮޑުވުމަށް ހުރަސް އަޅާ މައިކްރޯސެފަލީ ކިޔާ ބައްޔެއް ޖެހޭ ވައިރަހެކެވެ. މި ބައްޔަކީ މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައިނުވާ ބައްޔެކެވެ.

މިހާތަނަށް ކޮލަމްބިއާގެ 25،645 މީހުންގެ ގައިން ޒިކާ ވައިރަހުގެ އަސަރުވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި 3،177 މާބަނޑު މީހުން ހިމެނެ އެވެ.