ޒިކާ ވައިރަސް

މެލޭޝިޔާގައި ޒިކާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

Sep 4, 2016

މެލޭޝިޔާގައި ޒިކާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

މެލޭޝިޔާއިން ޒިކާ ވައިރަހުގެ އަސަރު އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު އެވެ. ޒިކާ ވައިރަސް މެލޭޝިޔާއިން ފެނުނީ އެގައުމުގައި ޑެންގޫގެ ނުރައްކާ ބޮޑުވެފައިވަނިކޮށް އުމުރުން 61 އަހަރުގެ އަންހެނެއްގެ ގައިންނެވެ. މެލޭޝިޔާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެގައުމުގައި ޒިކާ ވައިރަހުގެ އިތުރު ކޭސްތައް ފެންނާނެ ކަމަށް ހީވާ ކަމަށެވެ.

މެލޭޝިޔާގެ އަވަށްޓެރ ސިންގަޕޫރުގައި ވެސް ޒިކާ ވައިރަސްވަނީ ވަރަށް ބޮޑަށް ފެތުރިފަ އެވެ. ސިންގަޕޫރުން ޒިކާ ވައިރަހުގެ 200 އަށްވުރެ ގިނަ ކޭސް މިހާތަނަށްވަނީ ރިޕޯޓުކޮށްފަ އެވެ.

މެލޭޝިޔާއިން ޒިކާ ވައިރަސްގެ އަސަރު ފެނުނު އަންހެން މީހާ އަކީ ވަރަށް ފަހުން ސިންގަޕޫރަށް ގޮސްފައިވާ މީހެއް ކަމަށްވެ އެވެ.

މެލޭޝިއާގެ ހެލްތް މިނިސްޓްރީން ވަނީ ސިންގަޕޫރަށް އެތެރެވުމަށްފަހު އެ ގައުމަށް އަންނަ މީހުންގެ ހާއްސަ ހެލްތް ސްކްރީނެއް ހަދަން ފަށާފަ އެވެ. އަދި މަދިރި ނައްތާލުމުގެ މަސައްކަތްތަކެއް ވެސް ފަށާފަ އެވެ

ޒިކާ ވައިރަހަކީ އޭގެ ސަބަބުން ބަނޑުގައި ހެދި ބޮޑުވަމުން އަންނަ ތުއްތު ދަރިފުޅުގެ ސިކުނޑި ހެދި ބޮޑުވުމަށް ހުރަސް އަޅާ މައިކްރޯސެފަލީ ކިޔާ ބައްޔެއް ޖެހޭ ވައިރަހެކެވެ. މި ބައްޔަކީ މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައިނުވާ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަ އަށް ހުން އައުމާއި ހަންގަނޑު ހަލާކުވެ ބިހި ފަދަ ތަކެތި ނެގުން ހިމެނެ އެވެ.

މެލޭޝިޔާއަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ޒިޔާރަތް ކުރާ ގައުމެކެވެ. ކުރިއަށް އޮތީ އީދު ބަންދަށްވެފައި ގިނަ އަދަދެއްގެ ދިވެހިން މެލޭޝިޔާއަށް ޒިޔާރަތް ކުރާނެ އެވެ.