ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅަމުންދާ ފްލެޓްތައް ލިބޭ މީހުންނަށް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފްލެޓްތައް ހަވާލުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ރައީސް ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުން އަޅަން ފަށާފައިވާ 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެ ސަރުކާރުގައި ކަނޑައެޅިއިރު އެ ލިސްޓްގައި ބޮޑެތި މައްސަލަތައް ހުރިކަން އޭސީސީ އިން ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންވެ އެ މައްސަލަ ހައްލުކުރުމަކީ މިސަރުކާރަށް އޮތް ވަރަށް "ހައްސާސް" މައްސަލައެއް ކަމުގައި ވިދާޅުވި އެވެ.
"މާތްﷲ އިރާދަފުޅާ އެކު ލިސްޓްގެ ސައްހަ ބެލުމަށް ކުރަމުންދާ މަސައްކަތް ނިމި މިމަހުގެ ތެރޭގައި ލިސްޓް އިއުލާން ކުރެވިގެންދާނެ. އަދި ފްލެޓްތައް ނިމެމުންދާ މިންވަރަކުން ފްލެޓްތައް ލިބޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރަމުން ގޮސް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރީގައި ހުރިހާ ފްލެޓެއް އޭގެ ހައްގުވެރި ފަރާތްތަކާ ހަވާލުކޮށް ނިންމާލެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދު ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ގުޅިފަޅުގައި މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫއެއް ފަށާނެ ކަމަށްވެސް އިއުލާންކުރައްވާފަ އެވެ.
ހުޅުމާލޭގައި ރައީސް ސޯލިހްގެ ސަރުކާރުން ސޯޝަލް ހައުސިންގެ ގޮތުގައި އަޅަން ފެށި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓް ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އިއުލާން ކުރާނެ ކަމަށް ރައީސް މުއިއްޒު މީގެކުރިންވެސް އިއުލާންކުރައްވާފައިވެ އެވެ. ރައީސް އެ ދުވަހު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެއްވެސް ރައްޔިތަކަށް ހައްގުން ލިބިފައިވާ ފްލެޓެއް އޮތް ނަމަ އެ ފްލެޓެއް އޭގެ ހައްގުވެރިންނަށް ދިނުމަށެވެ.
"ރޯދައިގެ ކުރިއަށް [ފްލެޓް ލިސްޓް] އިރާދަކުރެއްވިއްޔާ އިއުލާން ކުރުމަށް މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ގަބޫލު ކުރެވޭ [ލިސްޓް އިއުލާން ކުރެވޭނެ] ކަމަށް،" ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިދިޔަ ޖެނުއަރީ މަހު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މަކަރާއި ހީލަތުން ފްލެޓް ހޯދި މީހުން މިސަރުކާރުން ނެރޭ ލިސްޓުގައި ނުހިމެނޭނެ ކަމަށެވެ. އަދި އޭސީސީ އިން މައްސަލަތަކެއް ހުރި ކަމަށް ފާހަގަކުރާ މީހުންނަށްވެސް ފްލެޓް ނުލިބޭނެ ކަމަށް ދޭހަވާ ގޮތަށް ރައީސް އޭރު ވަނީ ވާހަކަދައްކަވާފަ އެވެ.
"ނުގަވައިދުން ދޮގު ހަދައިގެން މަކަރު ހަދައިގެން ފޯޖު ކޮށްގެން މީހަކު ފްލެޓެއް، ގޯއްޗެއް ހޯދާފައި އޮތިއްޔާ އެ މީހަކު އަތުން ކެންސަލް ވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް މުރާޖައާކުރުމަށްފަހު އެ ލިސްޓް ނެރޭނެ ކަމަށް ބުނެ މިސަރުކާރުން މީގެކުރިންވެސް އެތައް ފަހަރަކު ތާރީހުތަކެއް ދީފައިވެ އެވެ. ނަމަވެސް އެފަދަ އެއްވެސް ތާރީހަކު ލިސްޓް ނެރެވިފައެއް ނުވެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ލިސްޓް، ކުރީ ސަރުކާރުގައި ނޮވެމްބަރު ހަތަރެއް، 2023 ގައި އާންމުކުރި އެވެ. އެ ލިސްޓަށް ގިނަ ބަޔަކު ޝަކުވާ ހުށަހެޅި އެވެ.
އެ މައްސަލަ ބެލުމަށްފަހު އޭސީސީ އިން ބުނީ ފްލެޓް ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ.
ޝަރުތު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށާއި އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެ އެވެ.
ރައީސް ސޯލިހްގެ ސަރުކާރުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 އެޕާޓްމަންޓް ހަދަމުންދާއިރު މީގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ.