ދުނިޔެ

މިޔަންމާގެ އާ ސަރުކާރުގެ ވަޒީރަކަށް ސޫކީގެ ނަން ހުށަހަޅައިފި

މިޔަންމާގެ އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމަނާނެ ވަޒީރުންގެ ތެރޭގައި ސިޔާސީ ލީޑަރު އަންގް ސަންގް ސޫކީގެ ނަން ހުށަހަޅައިފި އެވެ. ސޫކީގެ ނަން ހުށަހަޅާފައިވަނީ އެ ގައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސެއްގެ ގޮތުގައި އިންތިހާބުވެ ވަޑައިގެންނެވި ޓިން ކިޔޯ އެވެ.

ސޫކީގެ ނަމާއެކު ޓިން ވަނީ އިތުރު 17 ބޭފުޅެއްގެ ނަން ވެސް ހުށަހަޅުއްވާފަ އެވެ. ސޫކީ އަކީ މިޔަންމާއަށް ޑިމޮކްރަސީ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ސޫކީ އައްޔަނު ކުރާނެ ކަމަށް ބެލެވެނީ ފޮރިން މިނިސްޓަރުގެ މަގާމަށެވެ. ސޫކީ އަކީ މިޔަންމާގެ އާ ސަރުކާރު ނިސްބަތްވާ ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީގެ ރައީސެވެ.

ޓިން ކައިޔޯއަށް ރައީސްގެ މަގާމަށް ވަޑައިގެންނެވި ނަމަވެސް، ސޫކީ ވިދާޅުވެފައިވަނީ ސަރުކާރު ހިންގަމުން ދާނީ އެކަމަނާ ކަމަށެވެ. އަންގް ސޫކީއަށް ގާނޫނީ ގޮތުން ވެރިކަމަށް ނާދެވުނީ، އެކަމަނާފާނު ބިދޭސީއަކާއި ކައިވެނި ބައްލަވައިގެން އުޅުއްވާތީ އެވެ.

ސޫކީއަށް ގާނޫނީ ގޮތުން ރައީސް ކަން ނުވަތަ ވެރިކަން ނުކުރެއްވޭ ނަމަވެސް، އެ ކަމަނާ ވިދާޅުވެފައިވަނީ ރައީސް ކަމަށް ވަރު މަތީ މަގާމެއްގެ ޒިންމާތައް އުފުލާނެ ކަމަށެވެ.