ދުނިޔެ

ބްރަސެލްސް އެއާޕޯޓްގައި ބާރުގަދަ ގޮވުމެއް ގޮވައިފި

ބްރަސެލްސް އެއާޕޯޓްގައި ދެ ފަހަރަކަށް މިއަދު ބާރުގަދަ އެއްޗެއް ގޮވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ރިޕޯޓްތަކާ ގުޅުވައި ސޯޝަލް މީޑިއާގައި ދައުރު ކުރާ ފޮޓޯތަކުން ޓާމިނަލްއަކުން ދުން އަރާ މަންޒަރު ފެނެ އެވެ. އެއްވެސް މީޑިއާ ރިޕޯޓެއްގައި ގޮވީ ކޯންޗެއް ކަމެއް ނުބުނެ އެވެ. އަދި ގޮވި ސަބަބެއް ވެސް ނުބުނެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެއާޕޯޓް ސަރަހައްދުން ބަޔަކު މަރުވި އެވެ. އެކަމަކު އެއްވެސް ފަރާތަކުން ކަށަވަރެއް ނުކޮށްދެ އެވެ.

ބްރަސެލްސް އެއާޕޯޓުގައި މިފަދަ ހާދިސާއެއް މި ދިމާވީ، މިދިޔަ އަހަރުގެ ޕެރިހުގައި ބޮން ގޮއްވުމުގެ ޖަރީމައިގާ އެންމެ އިސްކޮށް އުޅުނު ސަލާހު އަބްދުއްސަލާމް ހައްޔަރު ކުރިތާ ހަތަރު ދުވަސް ފަހުންނެވެ.

ބެލްޖިއަމްގެ ނޫސްތައް ބުނާ ގޮތުން މި ގޮވުމާއެކު އެއާޕޯޓް ހުސްކޮށް ފްލައިޓްތައް ވަނީ ކެންސަލްކޮށްފަ އެވެ.