އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސްނެންގެވުމުގެ ދަށުން ކުރިއަށް ގެންދާ އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށް އީރާންގެ ރޫހާނީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.
އީރާނާއި ބައެއް ގައުމުތަކާ ދެމެދު 2015 ވަނަ އަހަރު ވެވުނު ނިއުކްލިއަ އެއްބަސްވުމުން އެމެރިކާ ވަކިވެ، އީރާނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅި ހިސާބުން، އީރާނުން ވަނީ ނިއުކްލިއަ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އަވަސްކޮށްފަ އެވެ.
މި އެއްބަސްވުން އުވާލީވެސް ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައެވެ.
އީރާނުގެ ރޫހާނީ ލީޑަރު ވިދާޅުވީ އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅެފިނަމަ، އީރާނުންވެސް ޖަވާބުދާރީވާނެ ކަމަށެވެ. އަދި އެމެރިކާއިން ދޭ ކޮންމެ އިންޒާރަކަށް އީރާނުން އެއްވަރެއްގެ ޖަވާބެއް ދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެމެރިކާގެ ކުރީގެ ސަރުކާރުން ވައުދުތަކަށް އިހްތިރާމްކޮށްފައެއް ނުވޭ. އެހެންކަމުން އެމެރިކާއާއެކު މަޝްވަރާކުރުމަކީ ބުއްދިވެރިކަމެއް ނޫން،" ޚާމަނާއީ ވިދާޅުވި އެވެ.
އެމެރިކާއާ ވާހަކަދައްކަން އިރާނުން ދެކޮޅު ހަދާފައި މިވަނީ ޓްރަމްޕް ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްކަމަށް ވަޑައިގެން، އީރާނާ އެކު އަލުން އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.