މިދިޔަ ހަފުތާގައި މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 35.5 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ފަހު ހަފުތާއާ އަޅާބަލާއިރު މިދިޔަ ހަފުތާގައި އެ ކުންފުންޏަށް މަސް ކިރުވި ދޯނީގެ އަދަދާއި ދޫކުރި ފައިސާ ވަނީ އިތުރުވެފަ އެވެ.
މިފްކޯ އިން ހާމަކުރި ގޮތުގައި ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސްވެރިންނަށް ދޫކުރީ 16.9 މިލިއަން ރުފިޔާ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ ފަހު ހަފުތާގައި މަސް ކިރީ 309 ދޯންޏަކުންނެވެ. ނަމަވެސް މިދިޔަ ހަފުތާގައި 452 ދޯންޏަކުން މަސް ކިރާފައިވާ ކަމަށް މިފްކޯ އިން ވަނީ ބުނެފަ އެވެ.
މިފްކޯގެ އާ އުސޫލުގެ ދަށުން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހަކީ މިފަހުން މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަހެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު މަސްވެރިން ކިރުވި މަހަށް 6.5 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.
މަސްވެރިން މިފްކޯއަށް ކިރާ މަހަށް ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިދިޔަ ޑިސެމްބަރު މަހު މަސްވެރިންނަށް ވަނީ ފައިސާ ދޫކުރަން ފަށާފަ އެވެ.