ކުއީން އެލްސާ އާއި ޕްރިންސަން އެނާ އަށް މޮޔަވެފައި ތިބި ކުޑަކުދިންގެ އިންތިޒާރަށް ނިމުން އަންނަނީ އެވެ.
ޑިޒްނީގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "ފްރޯޒެން" ގެ ދެވަނަ ބައި އުފައްދަން އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށް މިފިލްމުގައި ޕްރިންސަން އެނާގެ ރޯލަށް އަޑުއަޅާފައިވާ ކްރިސްޓެން ބެލް ބުނެފި އެވެ.
ކްރިސްޓެން ވަނީ ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ މިފިލްމުގެ އެނިމޭޝަންގެ ޕްރޮޑަކްޝަން މަސައްކަތް އަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށާއި މި ފިލްމުގެ ފުރަތަމަ ބައި ނިކުތް ފަހުން ތިން އަހަރު ފާއިތުވެގެން ގޮސްފައިވީ ނަމަވެސް "ފްރޯޒެން 2" ބެލުންތެރިން އިންތިޒާރުކުރަމުން އައި ފަދަ މޮޅު ފިލްމަކަށް ވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ކްރިސްޓްވަނީ މިފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ބެލުންތެރިން އުންމީދުކުރަމުން އައި ދުވަހަށް ވުރެން މާކުރިން ކަމަށް ވެސް ބުނެފަ އެވެ.
"މިފިލްމަށް އަޑުއެޅުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފަށާނެެހެން ހީވޭ" ކްރިސްޓަން ބުނެފައިވެ އެވެ.
ކްރިސްޓެން އިތުރަށް ވަނީ މިފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިހާ ގިނަ ދުވަސް ދެވަނަ ބައެއް އުފައްދަން ނަގަނީ އެނިމޭޓެޑް ފިލްމުތައް އުފައްދަން ވަރަށް ގިނަ ވަގުތު ބޭނުންވާތީ އާއި މިފިލްމުގެ ޓީމުން ބަލަނީ ކޮލެޓީ މޮޅު ފިލްމެއް އުފެއްދުމަށް ކަމަށެވެ.
"ފްރޯޒެން 2" ވެސް ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބައި ޑައިރެކްޓްކުރި ދެ ޑައިރެކްޓަރުން ކަމަށްވާ ކްރިސް ބަކް އާއި ޖެނިފާ ލީ އެވެ. އަދި ދެވަނަ ބައިގައި ކްއީން އެލްސާ އާއި ސްނޯމޭން އޯލާފްގެ ރޯލަށް ވެސް އަޑުއެޅުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ބަޔަށް ވެސް އަޑުއެޅި، އަޑީނާ މެންޒެލް އާއި ޖޯޝް ގެޑް އެވެ.
"ފްރޯޒެން" ފިލްމުގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުން އަންނަކަން ޑިޒްނީ އިން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މިފިލްމު ސިނަމާތަކާ ހަމައަށް އަންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.
މިދިޔަ އަހަރުރެ ތެރޭގައި ޑިޒްނީއިން ވަނީ "ފްރޯޒެން ފޯއެވާ"ގެ ނަމުގައި ކުރު ފިލްމެއް ވެސް ނެރެފަ އެވެ.
ފްރޯޒެން އިން "ލެޓް އިޓް ގޯ" ބުންޏަސް މިފިލްމަކީ ދޫކޮށްލެވޭނެ ވަރުގެ އެއްޗެއް ނޫނެވެ.