ރެއާލް މެޑްރިޑުން އެ ކުލަބަށް ކުޅެމުންދާ ބްރެޒިލްގެ ސްޓްރައިކަރު ވިނީޝިއުސް ޖޫނިއަ އާއެކު ހަދާފައިވާ އެއްބަސްވުން އައުކުރުމަށް މަސައްކަތް ފަށައިފި އެވެ.
ވިނީޝިއުސްއާ އެކު މިހާރު ވެފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 26-27 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށެވެ. ނަމަވެސް ރެއާލް މެޑްރިޑުން މިހާރު އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ފަށާފައި މިވަނީ ސައުދީ އަރަބިއްޔާގެ އަލް އަހްލީން ބޮޑު އަގެއްގައި ވިނީޝިއުސް ގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެވޭތީ އެވެ.
ރެއާލް މެޑްރިޑުން ބުނެފައިވާ ގޮތުގައި ވިނީޝިއުސް ވިއްކާލުމުގެ އެއްވެސް ވިސްނުމެއް ނެތެވެ. އަދި އެފަދަ މަޝްވަރާއެއް އެއްވެސް ފަރާތަކާއެކު ނުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ވިނީޝިއުސްއާ އެކު އެންމެ ފަހުން އެއްބަސްވުން އާކުރިއިރު އަހަރަކު 13.5 މިލިއަން ޔޫރޯގެ މުސާރައެއް ކަނޑައަޅާފައިވެ އެވެ.
ކުރިއަރަމުން އަންނަ ތަރި ވިނީޝިއުސް ވަނީ މިދިޔަ އަހަރު ރެއާލް މެޑްރިޑުން ލަލިގާ އާއި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.
އޭނާގެ ފާހަގަކޮށްލެވޭ ކުޅުމާއެކު މި އަހަރު ފީފާއިން ދޭ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ވަނީ ހޯދާފަ އެވެ.