ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކާފަ ދަރިފުޅަށް ޖިންސީ ގޯނާކޮށްގެން އުމުރަށް ޖަލަށްލާފައި ހުރި މީހާ މަރުވެއްޖެ އެވެ.
ހުޅުމާލެ ޖަލުގައި ހުއްޓާ ރޭގެ ވަގުތެއްގައި މަރުވީ ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އ) އެވެ.
މިމައްސަލައިގައި ކުޑަ ކުއްޖާގެ މުނި ކަފާ -- ކަނޑުހުޅުދޫ، އަންނާރުމާގެ، ހަސަން މޫސާ ދީދީ (85 އ) ވެސް ޖަލަށްލި އެވެ. އޭނާވެސް މަރުވީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ސެޕްޓެމްބަރު 2023 ގައެވެ.
މި ދެ މީހުން އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2022 ވަނަ އަހަރު އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އިބްރާހިމް ދީދީ މަރުވީ ރޭ ދަންވަރު ކަމަށެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާ ގުޅިގެން މެޑިކަލް ޓީމުން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތް ނުކުރާތީ، އެމަޖެންސީ ހާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށެވެ. ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ މަރުވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ 2:40 ހާއިރު ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
އިބްރާހިމް ދީދީއަކީ ހައި ބްލްޑް ޕްރެޝާ، ކޮލެސްޓްރޯލް އަދި ޓްރެމާސް ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެކެވެ.
އިބްރާހީމް ދީދީ މަރުވުމާ ގުޅިގެން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއާއި މޯލްޑިވްސް ޕޮލިސް ސާވިސްއާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އަންގާފައިވާނެ ކަމަށްވެސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ.