ބައިނަލްއަގްވާމީ މައިދާނުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބައިވެރިވުން އިތުރުކޮށް އެފަދަ ގައުމުތަކުގެ ހައްގުތައް ކަށަވަރު ކުރަންޖެހޭ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.
ޑރ. ޚަލީލް މިހެން ވިދާޅުވީ މިއަދާއި މާދަމާ އޮމާންގެ ވެރިރަށް މަސްކަތުގައި ކުރިއަށްދާ އަށްވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގެ ދެވަނަ ޕްލެނަރީ -- އެމްޕްލިފައިން ދަ ވޮއިސް އޮފް ގްލޯބަލް ސައުތުގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
ޑރ. ޚަލީލްގެ ތަގުރީރުގައި ބައިނަލްއަގްވާމީ ނިޒާމު އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ގޮވާލެއްވި ގޮވާލެއްވުން ތަކުރާރުވެސް ކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ބައިނަލްއަގްވާމީ ނިޒާމުން ނިންމާ ނިންމުންތައް ނިންމުމުގައި ތަރައްގީވަމުން އަންނަ ގައުމުތަކަށް، ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް، އިސް ދައުރެއް ދިނުން މުހިއްމު ކަމަށެވެ. އެގޮތުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަކޮށް އދގެ ސަލާމަތީ މަޖިލީހުގައި ނޮން-ޕާމަނަންޓް ރޮޓޭޓިން ސީޓެއް ހަމަޖެއްސުމަށް ގޮވާލެއްވި އެވެ. އަދި އެ މަޖިލީހަކީ ޒަމާނަށް ފެތޭ ބައިނަލްއަގްވާމީ ގާނޫނު ނެގެހެއްޓޭ މަޖިލީހަކަށް ހެދުމަށްޓަކައި، ވީޓޯ ކުރުމުގެ ބާރު އުވާލައި، ނޮން-ޓްރެޑިޝަނަލް ސަލާމަތީ މައްސަލަތަކާއި ދުނިޔޭގެ ސަލާމަތަށް ކުރިމަތިވަމުންދާ އާ ގޮންޖެހުންތަކަށް އިސްކަންދިނުމަށް ގޮވާލެއްވި އެވެ.
މީގެ އިތުރުން އިންޑިއާ ކަނޑުގައި ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި ލިބިގެންދާ ފުރުސަތުތަކާ ގުޅޭގޮތުންވެސް ޑރ. ޚަލީލް ވާހަކަފުޅުދެއްކެވި އެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި ގާނޫނާ ހިލާފަށް ކަނޑު މަތީގައި ހިންގަމުންދާ އަމަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވިލުންތެރި ދިވެހިރާއްޖެއެއް ގާއިމުކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވި އެވެ.
ޑރ. ޚަލީލްއާ އެކު މި ޕެނަލްގައި ބައިވެރިވެވަޑައިގެންނެވީ ނޭޕާލްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަރްޒޫ ރަނާ ޑިއުބާ، ސީޝެލްސްގެ މިނިސްޓާ އޮފް އިންޓާނަލް އެފެއާޒް އެރޯލް ފޮންސެކާ، ބްރުނައި ދާރުއްސަލަމްގެ ސެކަންޑް މިނިސްޓާ އޮފް ފޮރިން އެފެއާޒް ދަތޯ އެރުވަން ޕެން ޔޫސުފް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހްމަދު އަލީ އަލް ޞާޔިގް އެވެ. މި ޕެނަލް މޮޑަރޭޓް ކޮށްދެއްވީ އިންޑިއާގެ ކުރީގެ ޔޫނިއަން މިނިސްޓަރު ސުރޭޝް ޕްރަބޫ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ކޮންފަރެންސަކީ އިންޑިއާ ކަނޑުގެ ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް އޮފިޝަލުންނާއި، ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ފަރާތްތަކާއި، ސްކޮލާސް އަދި ތަޖުރިބާކާރުންގެ ބައިވެރިވުން ހިމެނޭހެން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.