ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޕްލޭއޮފްގައި ރޭ ބެންފީކާ އާއި މޮނާކޯ ދެމެދު ކުޅުނު ފޯރިގަދަ މެޗު 3-3 އިން އެއްވަރުވުމާއެކު، ބެންފީކާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ލެގުގައި 1-0 އިން މޮޅުވެފައިވާތީ، 4-3ގެ އެގްރިގޭޓް ނަތީޖާއަކުން ބެންފީކާ ވަނީ ކުރިއަށް ގޮސްފަ އެވެ.
ލިޒްބަންގެ ޑަލޫޒް ސްޓޭޑިއަމްގައި ކުޅުނު ދެވަނަ ލެގްގައި ދެ ޓީމުންވެސް ދެއްކީ ފެންވަރު ރަނގަޅު ކުޅުމެކެވެ. މެޗުގެ 22 ވަނަ މިނެޓުގައި ބެންފީކާގެ ކެރެމް އަކްތޫރްކޮގްލޫ ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް ލީޑް ހޯދައިދީފަ އެވެ.
ބެންފީކާ ލަނޑެއް ޖެހިތާ 10 މިނެޓެއްހާ އިރު ތެރޭގައި، މޮނާކޯގެ ޓަކޫމީ މިނަމީނޯ ވަނީ ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. ދެވަނަ ހާފު ފެށިތާ 6 ވަނަ މިނެޓުގައި މޮނާކޯގެ އެލިސީ ބެން ސޭގިރު ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ހޯދައިދީފަ އެވެ.
ބެންފީކާއަށް މެޗުގެ 76 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުނެވެ. ވެންގެލިސް ޕަވްލީޑިސް ވަނީ މި ޕެނަލްޓީގެ ފުރުސަތުގެ ބޭނުންކޮށް މެޗުގެ ނަތީޖާ 2-2 އަށް އެއްވަރުކޮށްފަ އެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި ދެ ޓީމުގެ ފުރަތަމަ ލެގްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑުވެސް ޖަހާފައިވަނީ ޕަވްލީޑިސް އެވެ.
މެޗުގެ 81 ވަނަ މިނެޓުގައި މޮނާކޯގެ ޖޯޖް އިލެނިކޭނާ ވަނީ އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ތިންވަނަ ފަހަރަށް ލީޑް ނަގައިދީފަ އެވެ. ނަމަވެސް އޭގެ އެންމެ 3 މިނެޓު ފަހުން ބެންފީކާގެ އޯކުން ކޮކްޗޫ ވަނީ ދެ ޓީމު އެއްވަރުވި ލަނޑު ޖަހައި މެޗުގެ ނަތީޖާ 3-3 އަށް ބަދަލުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ބެންފީކާއާ ކުރިމަތިލާނީ ބާސެލޯނާ ނުވަތަ ލިވަޕޫލް އެވެ. ކުރިއަށް އޮތް މެޗުތަކުގެ ގުރުއަތުލުމުން ކުޅޭނެ ޓީމު މުޅިން ޔަގީން ވާނެ އެވެ.