ށ. ފޭދޫގައި އެކުއާކަލްޗާ ފާމެއް ގާއިމުކުރުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި ފޭދޫ ކައުންސިލާ ދެމެދު މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ އެ ރަށު ކައުންސިލުން މިނިސްޓަރު އަހްމަދު ޝިޔާމްއާއިއެކު ބޭއްވި ބައްދަލުވުމުގަ އެވެ.
ރާއްޖޭގައި މިހާރު ދެ ބާވަތެއްގެ އެކުއާކަލްޗަ ފާމު ގާއިމުކުރެވިފައިވެ އެވެ. އެއީ މަސް އާލާކުރާ ފާމުތަކާއި، ފަޅުމަސް އާލާކުރާ ފާމުތަކެވެ. މިފަދަ ފާމުތަކަކީ މިހާރު ޑިމާންޑް ވަރަށް ބޮޑު ފާމުތަކެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މިބައްދަލުކުރެއްވުމުގައި ވަނީ ފޭދޫގައި އެކުއާކަލްޗާ ފާމެއް ގާއިމުކުރުމުގެ އިތުރުން އެ ރަށުގައި އައިސްޕްލާންޓެއް ގާއިމުކުރުމާ ބެހޭގޮތުންވެސް މަޝްވަރާކޮށްފަ އެވެ.
ރާއްޖޭގައި މިވަގުތު ހުރީ އެކުއާކަލްޗަ ފާމެއްގެ ގޮތުގައި އެންމެ ސެންޓަރެކެވެ. އެއީ ކ. މާފުށީގައި ހުންނަ ސެންޓަރެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ އެކުއާކަލްޗާ ގާއިމުކުރުމަށް ގިނަ އަދަދެއްގެ ހުށަހެޅުން ލިބޭ ކަމަށެވެ. އަދި އެންމެ ސެންޓަރެއް ހުރުމުގެ ސަބަބުން ގިނަ ދަތިތަކަކާ މިވަގުތު ކުރިމަތިވަމުންދާ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި އިތުރު ދެ ސެންޓަރު އަޅާނެކަން އިއުލާންކޮށްފަ އެވެ. އެއީ ށ. ފުނަދޫއާއި ގދ. ތިނަދޫ އެވެ. ށ. ފުނަދޫގައި އަޅާ ސެންޓަރު މިއަހަރުގެ ތެރޭގައި ނިމޭނެ ކަމަށްވެސް ސަރުކާރުން ލަފާކުރެ އެވެ.