މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އެއް ފަހަރު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މުސާރައާއި އިނާޔަތްތަކަށް 1.14 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ފާއިތުވި އަހަރުގެ އެ މުއްދަތުގައި މުސާރައާއި އިނާޔަތްކަށް ހަރަދުކުރީ 1.02 ބިލިއަން ރުފިޔާ އެވެ. އެއީ 11 އިންސައްތައިގެ އިތުރުވުމެކެވެ.
މިމުއްދަތުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 4.4 ބިލިއަން ރުފިޔާ އެވެ. މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 3.04 ބިލިއަން ރުފިޔާ އެވެ.
ދައުލަތުން ހަރަދު ކުރި ގޮތަށް ބަލާއިރު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓްގެ ހަރަދުގެ ގޮތުގައި ވަނީ 2.8 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. ފާއިތުވި އަހަރު ރިކަރަންޓް ހަރަދުގެ ގޮތުގައި މި މުއްދަތުގައި ހަރަދުކުރީ 3.2 ބިލިއަން ރުފިޔާ އެވެ.
ރިކަރަންޓް ހަރަދަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީވެސް މުސާރައާއި އިނާޔަތްތަކާއި ޕެންޝަނަށެވެ.
މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކެޕިޓަލް ހަރަދުގެ ގޮތުގައި 169.8 މިލިއަން ރުފިޔާ ހޭދަކުރިއިރު ލޯނު އަނބުރާ ދެއްކުމަށް 474.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.