ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން -- 1677 ނަންބަރު އިފްތިތާހް ކުރިތާ މިއަދަށް އެއް އަހަރުވީއިރު 3,651 ފޯނު ކޯލަށް ޖަވާބުދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފި އެވެ.
ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިވަމުންދާ މީހުންނަށް ފޯރުކޮށްދޭ ހިދުމަތްތައް، ދެމެހެއްޓެނިވި ގޮތެއްގައި އިންތިޒާމުކޮށް، ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިނެއް ގާއިމުކުރުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަފްތާ 14ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ރައީސްގެ ވައުދު ފުއްދުމުގެ ގޮތުން ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން އިފްތިތާހު ކުރީ މިދިޔަ އަހަަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ނަފްސާނީ ސިއްހަތުގެ ގައުމީ ހެލްޕްލައިން އިފްތިތާހު ކުރިތާ މިއަދަށް އެއް އަހަރުވީއިރު އެ ނަންބަރަށް ގުޅާފައިވާ 3,651 ފޯނު ކޯލަށް ޖަވާބުދީ، 53 މީހަކު ހާއްސަ ފަރުވާއަށް ރިފާކޮށް، ނަފްސާނީ އެކިއެކި އިނދަގޫތައް ހުންނަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މި ހެލްޕްލައިންގެ މައިގަނޑު އެއް މަގުސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އާއި ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ލިބިގެން ދިއުމެވެ. މި ހެލްޕްލައިން އިން ނަފްސާނީ ފުރަތަމަ އެހީއާއި އެކު މައްސަލަ ހައްލުކުރުމުގެ އެހީތެރިކަން، މައުލޫމާތު ދިނުން އަދި އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ހާލަތްތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ގުޅުންހުރި ޚިދުމަތްތަކަށް ރިފަކޮށްދެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ހިދުމަތް ދޭ ފަރާތްތަކަކީ ލައިސަންސް ލިބިފައިވާ ފަންނުވެރިންކަން ކަށަވަރުކޮށް، ކޯލް އޭޖެންޓުންނަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ހިންގައި އަދި އެސްއޯޕީތަކާއި ރިފަރަލް ނިޒާމުތައް ތައާރަފް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށެވެ.
ނަފްސާނީ ދުޅަހެޔޮކަމުގެ ދާއިރާގައި އިންސާނީ ވަސީލަތްތައް މަދުވުން ފަދަ ގޮންޖެހުންތައް ހުރި ނަމަވެސް ސަރުކާރުން ދަނީ މުޅި ރާއްޖެއަށް ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
"ކުރިއަށް އޮތް ތަނުގައިވެސް މި ހެލްޕްލައިންގެ ހިދުމަތް ހަރުދަނާކޮށް، ފަންނީ ގާބިލްކަން އިތުރުކޮށް އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ވަށާޖެހޭ ސިޔާސަތުތަކެއް އެކުލަވާލުމަށް މަސައްކަތްކުރާނެ އެވެ،" މިނިސްޓްރީން ބުންޏެވެ.