ތެލަސީމިއާ ބަލި

ތެލަސީމިއާ ސެންޓަރަށް ޑިރެކްޓާ ޖެނެރަލެއް

މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

މި މަގާމަށް އައްޔަންކޮށްފައިވަނީ އަހްމަދު މައުސޫމް އެވެ.

މައުސޫމަކީ މެނޭޖްމަންޓް ދާއިރާގައި ހިންގުމުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މީގެ ކުރިން މައުސޫމް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައިވެސް މަސައްކަތް ކުރައްވާފަ އެވެ.

އެ ސެންޓަރަށް ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްއަކާއި ޑިރެކްޓަރެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ތެލަސީމިއާ ސެންޓަރަށް ވަރަށް އަވަހަށް ފިޒީޝަނެއްވެސް ހަމަޖެހިގެންދާނެ ކަމަށާއި އަދި އެތަނަށް މިވަގުތަށް ބޭނުންވާ ފަސް ނަރުހުން ހޯދުމަށްވެސް މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އަދި އެހެނިހެން އިދާރީ މުވައްޒަފުންވެސް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ތެލެސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ހިދުމަތް ރަނގަޅު ކުރުމަށްޓަކައި ތެލަސީމިއާ ސެންޓަރު ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަން ބޭނުންވާ ކަންކަން ފަހިކޮށް އެ ސެންޓަރުގެ ހުރި މައްސަލަތައް ވަކި މުއްދަތެއްގެ ކުރިން ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.