ތެލަސީމިއާ ބަލި

ތެލަސީމިއާ ސެންޓަރުން ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފި އެވެ.

މިބަދަލާ އެއްގޮތަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.

އެމްބީއެސް އިން މިހާރު ނިންމާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ހެނދުނު 8:00 އިން ރޭގަނޑު 9:00 އަށް ހިދުމަތް ދިނުމަށެވެ.

އެމްބީއެސް އިން ހިދުމަތްދޭ ވަގުތު އިތުރުކޮށްފައި މިވަނީ އެ ތަނުން މީގެކުރިން މަދު ވަގުތު ކޮޅެއްގައި ހިދުމަތް ދޭތީއާއި ބައެއް ދުވަސް ދުވަހު އެ މަރުކަޒު ބަންދުކޮށްފައި ހުންނާތީ ހިދުމަތް ހޯދައި ފަރާތްތަކުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަރުކަޒަށް ވަޑައިގެން އެތަނުގެ ހާލަތު ބައްލަވާލެއްވުމަށްފަހު ކަންކަން ރަނގަޅުކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ސަރުކާރުން މިހާރު ވަނީ މޯލްޑިވިއަން ބްލަޑް ސާވިސަސް ހުޅުމާލޭގައި ހުންނަ އޮރެންޖު ބިލްޑިން އަށް ބަދަލުކުރުމަށްވެސް ނިންމާފަ އެވެ. މިމަހުގެ ތެރޭގައި އޮރެންޖު ބިލްޑިންގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.