މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކޮށްފި އެވެ.
ކުޑަގިރިއަށް ދެ އަހަރު ފުރުމާ ގުޅިގެން އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް އަދި ޗެއާމެން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން މިއަދު ވަނީ ކުޑަގިރިއަށް ޒިޔާރާތްކުރައްވައި އެރަށުގެ އިންތިޒާމުތައް ބައްވަލާލައްވާފަ އެވެ. އަދި ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މިއީ، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
އެޗްޑީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފަ އެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމާ ސެޓިސްފެކްޝަން ހުރީ 70 އިންސައިން މަތީގައެވެ.
ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރުވެސް ގާއިމުކޮށްފައި ހުރި ނަމަވެސް، ދެ އަހަރު ފުރުނުއިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުޑަގިރިއަށް ދަތުރު ދިއުމާއި، އެތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށް މިއަދު ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއްވެސް ހުޅުވާފަ އެވެ. މި ކައުންޓަރުން ކުޑަގިރިއާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ.
އަދި އެއާއެކު، އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފަ އެވެ. މިއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސޭ އިންތިޒާމެކެވެ.
މީގެއިތުރުން ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށްވެސް ވަނީ ނިންމާފަ އެވެ. މިއީ އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.