ޖަރުމަނުގައި މިއަދު އޮތް އާންމު އަވަސް އިންތިޚާބު، އިދިކޮޅު ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން (ސީޑީޔޫ) ގެ ލީޑަރު ފްރީޑްރިޗް މޭޒް ކާމިޔާބުކުރައްވައިފި އެވެ.
އިދިކޮޅަށް ލިބުނު މި ކާމިޔާބީއާ އެކު އެ ގައުމުގެ ޗާންސެލަރުގެ މަގާމުގައި މިހާރު ހުންނެވި އޯލަފް ޝޯލްއަށް ޗާންސެކަރުގެ މަގާމު ގެއްލޭނެ އެވެ.
ފްރީޑްރިޗް މޭޒްއަށް ލިބިވަޑައިގެންނެވި ކާމިޔާބަށް ފަހު ސަޕޯޓަރުންނާ މުޚާތަބުކުރަައްވައި އަދި ވާދަވެރިންނަށް ނިސްބަތްކުރައްވައި ކެމްޕޭން ހަރަކާތްތައް ހުއްޓާލުމަށް ގޮވާލެއްވި އެވެ.
ބައިނަލްއަގްވާމީ މަސްރަހުގައި ޖަރުމަނަށް ގެއްލިފައި އޮތް ހައިސިއްޔަތު ހޯއްދަވާނެ ކަމަށް ވިދާޅުވެ -- މަޝްވަރާ މޭޒު ދޮށުގައި ހޭދަކުރައްވަން ވަގުތު ނެތް ކަމަށްވެސް ވިދާޅުވި އެވެ.
މި އިންތިޚާބުގައި އިދިކޮޅަށް 29 ޕަސެންޓް ލިބޭނެކަން މިހާރު އޮތީ ކަށަވަރުވެފަ އެވެ. ނަމަވެސް، މި ނަތީޖާއިން އާ ސަރުކާރެއް އަދި އެކުލަވައި ނުެލެވޭނެ އެވެ.
ފްރީޑްރިޗް މޭޒް ވިދާޅުވި ގޮތުން ދެން އަވަސްކުރަންވީ ދެމެހެއްޓެނިވި ކޯޅިޝަނެއް ހެދުމަށެވެ. އަދި މާދަމާވެސް ގައުމާ ހަވާލުވެވޭ ވަރުގެ ބަޔަކަށް ވުމަށެވެ.
ޖަރުމަނުގައި އަވަސް އިންތިޚާބަކަށް ދާންޖެހުނީ، ވެރިކަމުގައި މިހާރު ހުންނެވި އޯލަފް ޝޯލްގެ ގާބިލުކަމާ މެދު ސުވާލު އުފައްދައި މަގާމުން ދުރުކުރުމަށް ގޮވާލާފައި ވަނިކޮށެވެ. ބައިނަލްއަގްވާމީ މަސްރަހުގައި ޖަރުމަން ސަޚުސިއްޔަތު ގެއްލިދާނެ ކަމަށް އިދިކޮޅުން ގޮވާލާފައި ވެސް ވަނިކޮށެވެ.