ދިވެހި ޒުވާން މަސްވެރިންނަށް މަސްވެރިކަމާ ބެހޭ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ޒުވާން މަސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ޕްރޮގްރާމަކީ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން (ޖައިކާ) އާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި މި ޕްރޮގްރާމްގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އުމުރުން 35 އަހަރު ނުވާ އަދި މިހާރުވެސް މަސްވެރިކަން ކުރާ މަސްވެރިންނަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި މިއީ ތިން ހަފްތާގެ ޕްރޮގްރާމެއް ކަމަށެވެ. އަންނަ ޖުލައި މަހު ފަށާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 27 ގެ ނިޔަލަށް ހުޅުވާލާފަ އެވެ.
މި ޕްރޮގްރާމަކީ ކަނޑުމަހުގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއި ގުޅޭ ތަމްރީނު ޕްރޮގްރާމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެ އެވެ. އަދި ޖަޕާނުގައި ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުފަހަރާއި، އާލާތްތައް ދިވެހި މަސްވެރިންނަށް ދައްކާލާނެ ކަމަށާއި ކަޅުބިލަ މަހުގެ މަސްވެރިކަމުގައި ޖަޕާނުގައި މިހާރު ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއި އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ދައްކާލެދޭނެ ކަމަށް ފިޝަރީޒް އިން ބުނެ އެވެ.
ބާނާ ކަނޑުމަހުގެ ފެންވަރު ރަނގަޅުކުރަން އުޅަނދުފަހަރުގައި މަސް ގެންގުޅޭނެ ގޮތްތައް ކިޔައިދީ އަމަލީ ގޮތުން ތަޖުރިބާކުރަން ފުރުސަތު ދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި ޖަޕާނުގައި މަހުން އުފައްދާ ބާވަތްތައް ތައްޔާރުކުރާ ތަންތަނަށް ޒިޔާރަތްކޮށް ތައްޔާރުކުރާ ގޮތްތައް ބަލައި، ތައްޔާރުކުރާ ބާވަތްތަކުގެ ފެންވަރު ރަނގަޅުކުރަން އަމަލީ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށްވެސް ފިޝަރީޒް އިން ބުނެ އެވެ.
ފިޝަރީޒް އިން ބުނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް ޕްރޮގްރާމް ނިންމާލުމަށްފަހު ރާއްޖެ އައިސް ރާއްޖޭގައި އުފައްދާ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.